ޚަބަރު

ހޮންގްކޮންގް މިނިވަންކުރުމަށް އެ ރަށުގެ ރައްޔިތުން ޓްރަމްޕަށް ގޮވާލައިފި


ހޮންގްކޮންގްގައި އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދިނުމަށާއި އެ ރަށް ޗައިނާގެ ކަސްތޮޅުން މިނިވަންކޮށްދިނުމަށް ގޮވާލާ އެ ރަށުގެ ރައްޔިތުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ގޮވާލައިފިއެވެ.

ހޮންގްކޮންގްގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް ކައިރިއަށް ސުލްޙަވެރިކަމާއެކު އެއްވެ މުޒާހަރާގެ ބައިވެރިންވަނީ އަޑުހަރުކޮށް އެމެރިކާގެ ޤައުމީ ސަލާމް ކިޔާފައެވެ. އަދި އެ ފަރާތްތަކުންވަނީ ޗައިނާގެ އަތްދަށުން ހޮންގްކޮންގް މިނިވަންކޮށްދިނުމަށް އެދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ގޮވާލާފައެވެ. އެމީހުން ބުނެފައިވަނީ އެމެރިކާއާއި ޗައިނާއިން މިވަގުތު ވިޔަފާރީގެ ހަނގުރާމައެއް ކުރަމުންދާއިރު، ޗައިނާއަށް ތާޢީދުކުރާ ފަރާތްތަކުން ހޮންގްކޮންގްގައި އިންސާނީ ހައްޤުތަކާ ޚިލާފަށް ފިޔަވަޅުތައް އަޅަމުންދާތީ އެކަން އެމެރިކާއަށް ހާމަކޮށްދިނުމަށް ހޮންގްކޮންގްގެ ރައްޔިތުން ބޭނުންވާކަމަށެވެ. އަދި އެ ފަރާތްތަކުން ބޭނުންވަނީ ހޮންގްކޮންގްގެ ރައްޔިތުންގެ އިންސާނީ ހައްޤުތައް ރައްކާތެރިކޮށް ޙިމާޔަތްކުރުމުގައި އެމެރިކާ ސަރުކާރުގެ އެހީ ހޯދުންކަމަށްވެސް މުޒާހަރާގެ ބައެއް ބައިވެރިންވަނީ ބުނެފައެވެ.

އިނގިރޭސިވިލާތުގެ އިސްތިޢުމާރުގެ ދަށުގައި ހޮންގްކޮންގް އޮތުމަށްފަހު 1997ވަނަ އަހަރު ޗައިނާގެ ސަރަޙައްދަކަށް އެރަށް ބަދަލުކުރިއެވެ. އެމެރިކާގެ ދިފާޢީ ވަޒީރު މަރކް އެސްޕަރވަނީ ހޮންގްކޮންގްގައި މިހާރު ކުރަމުންދާ މުޒާހަރާތަކަށް ޙައްލު ހޯދުމުގައި ވިސްނުންތެރި ފިޔަވަޅުތަކެއް އެޅުމަށް ޗައިނާއަށް ގޮވާލައްވާފައެވެ.

ހޮންގްކޮންގްގައި މި އަހަރުގެ ކުރީކޮޅު މުޒާހަރާކުރަން ފެށީ އެ ރަށުގައި ޖިނާޢީ ކުށްކުރާ ފަރާތްތަކުގެ ޝަރީޢަތްތައް ޗައިނާގައި ހިންގުމަށް ގޮވާލާ ބިލެއް ހޮންގްކޮންގްގެ ސަރުކާރުން ފާސްކުރުމަށް މަސައްކަތް ކުރުމުންނެވެ. އަދި ހަމަނުޖެހުމާއި ޚިޔާލު ތަފާތުވުން ބޮޑުވެ، ހޮންގްކޮންގްގެ ސަރުކާރުން މި ބިލް އަނބުރާ ގެންދިޔަ ނަމަވެސް މި މުޒާހަރާތައްވަނީ ސަރުކާރާ ދެކޮޅަށްކުރާ މުޒާހަރާތަކަކަށް ބަދަލުވެފައެވެ.