މި މަހުގެ ފަހުކޮޅު އެމެރިކާގެ ނިއުޔޯކްގައި ބާއްވާ އދގެ ޢާއްމު ޖަލްސާގެ ހަވާސާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށާއި މި ބައްދަލުކުރެއްވުމުގައި ސޫރިޔާގެ އިރުއުތުރުގައި ދެ ޤައުމު ގުޅިގެންކުރާ މަސައްކަތްތަކާ ގުޅޭ މަޝްވަރާކުރައްވަން ބޭނުންވެވަޑައިގަންނަވާކަމަށް ތުރުކީވިލާތުގެ ރައީސް ޠައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.
އދގެ ޢާއްމު ޖަލްސާގެ ހަވާސާގައި ޓްރަމްޕާ ބައްދަލުކުރެއްވުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ތުރުކީވިލާތުގެ ރައީސް އުރުދުޣާން ވިދާޅުވީ ސޫރިޔާއާއި ތުރުކީވިލާތް ގުޅޭ އިރުމަތީގެ ސަރަޙައްދާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާމެދު އެމެރިކާއާއި ތުރުކީވިލާތާ ދެމެދު މަޝްވަރާ ކުރަން މުހިއްމުކަމަށެވެ. އުރުދުޣާން ވިދާޅުވީ މިކަމުގައި މިހާތަނަށް ދައްކާފައިވާ ވާހަކަތަކާއި އަޅާފައިވާ ފިޔަވަޅުތަކާއި މުޅިން ތަފާތުކަމަށާއި މިކަމުގެ ސަބަބުން އުފެދިފައިވާ ސުވާލުތަކަށް ތުރުކީވިލާތުން ޖަވާބު ބޭނުންވާކަމަށެވެ. އަދި މިކަމުގައި ދެ ފަރާތުގެ ދެމެދު ހުރި ޚިޔާލު ތަފާތުވުންތައް ޙައްލުކުރަންޖެހޭކަމަށްވެސް އުރުދުޣާން ވިދާޅުވިއެވެ.
ތުރުކީވިލާތުގެ ރައީސް ވިދާޅުވީ އެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންނަށް އެމެރިކާއިން އަސްކަރީ ތަމްރީނުދިނުމަކީ ތުރުކީވިލާތުން އެއްވެސް ޙާލެއްގައި ޤަބޫލުކުރާނެކަމެއް ނޫންކަމަށާއި މިކަމަށް އެމެރިކާއިން ވިސްނަންޖެހޭކަމަށެވެ.
އެމެރިކާއާއި ތުރުކީވިލާތުންދަނީ ސޫރިޔާގެ އިރުއުތުރު ސަރަޙައްދުގައި ޙަމަލާ ބަދަލުކުރުން މަނާ ސަރަޙައްދެއް ކަނޑައެޅުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން މި ހަފުތާގެ އާދިއްތަ ދުވަހު ދެ ޤައުމުން ގުޅިގެން އެ ސަރަޙައްދުގައި ފޯރިމެރުމަށް ޙަރަކާތްތެރިވާނެކަމަށް ދެ ޤައުމުންވަނީ ބުނެފައެވެ. މީގެ އިތުރުން، ތުރުކީވިލާތުން ބުނެފައިވަނީ މި ސަރަޙައްދުގައި ޙަމަލާ ބަދަލުކުރުން މަނާ ހިސާބެއް ކަނޑައެޅުމުގެ މައިގަނޑު މަޤްޞަދަކީ ސޫރިޔާގެ ހަނގުރާމައިގެ ސަބަބުން ތުރުކީވިލާތަށް ޙިޖުރަކޮށްފައިވާ ސޫރިޔާގެ ރައްޔިތުން އެ ސަރަޙައްދުގައި އަލުން ވަޒަންވެރިކުރުވުންކަމަށެވެ.