ޚަބަރު

ހަނދަށް ފޮނުވި އުޅަނދުން %90 ލަނޑުދަނޑި ހާޞިލުވި: އިސްރޯ


އިންޑިއާއިން ފުރަތަމަ ފަހަރަށް ހަނދުގެ ދެކުނު ޕޯލަށް ފޮނުވި ޖައްވީ އުޅަނދުން ޙާޞިލުކުރަންޖެހޭ ލަނޑުދަނޑިތަކުގެ ތެރެއިން 90-95% ޙާޞިލުވެފައިވާކަމަށް އެ ޤައުމުގެ ޖައްވާބެހޭ ދިރާސާކުރާ އިދާރާކަމަށްވާ އިންޑިއަން ސްޕޭސް ރިސަރޗް އޯގަނައިޒޭޝަން (އިސްރޯ)އިން ބުނެފިއެވެ.

އިސްރޯއިން މިހެން ބުނެފައިވަނީ އިންޑިއާއިން ހަނދަށް ފޮނުވި ޖައްވީ އުޅަނދާ އެ އިދާރާއާ ދެމެދު މުވާޞަލާތީ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާކަން އެ އިދާރާއިން ކަށަވަރުކޮށްދީފައިވާ ދަނޑިވަޅެއްގައެވެ. އެ އިދާރާއިން ބުނެފައިވަނީ މި އުޅަނދާއި އެ ޖަމާޢަތާ ދެމެދު މުވާޞަލާތީ ގުޅުން ކެނޑިގެން ދިޔައީ އެ އުޅަނދު ހަނދުގައި ޖައްސަން ތައްޔާރުވަމުންދަނިކޮށެވެ.

އިސްރޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަނދަށް އުޅަނދު ފޮނުވުމަށް ހިންގި މިޝަނުގެ ކޮންމެ މަރުޙަލާއެއްގައި ވަކި ލަނޑުދަނޑިތަކެއް ޙާޞިލްވެފައިވާކަމަށެވެ މިގޮތަށް ބަލާނަމަ މުޅި މިޝަނަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ 90-95% ލަނޑުދަނޑި ޙާޞިލްވެފައިވާކަމަށް އެ ބަޔާނުގައިވެއެވެ. އިސްރޯއިން ބުނީ ހަނދަށް ޖެއްސުމުގައި މި އުޅަނދު ނާކާމިޔާބުވީނަމަވެސް ހަނދުގެ ވަށައިގެން ދައުރުކުރާނެ ސެޓަލައިޓެއް ކާމިޔާބުކަމާއެކު ފޮނުވާފައިވާކަމަށާއި މިކަމުން ހަނދާބެހޭ އިތުރު ދިރާސާތައް ފެށިގެންދާނެކަމަށެވެ.

އިންޑިއާއިން ހަނދަށް ފޮނުވި ޖައްވީ އުޅަނދުގެ މިޝަންގައި މަސައްކަތްކުރި ސައިންސްވެރިންނާ ބައްދަލުކުރެއްވުމަށްފަހު އެ ޤައުމުގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ވިދާޅުވީ މި މިޝަނުގައި ހިމެނޭ ސައިންސްވެރިން ޙާޞިލްކޮށްފައިވާ ކާމިޔާބީއަކީ ފާހަގަކުރަންޖެހޭ ކާމިޔާބީއެއްކަމަށެވެ. މޯދީ އިތުރަށް ވިދާޅުވީ އިންޑިއާއިން މިކަމުގައި ކަނޑައެޅި ލަނޑުދަނޑިތައް ޙާޞިލްކުރުމާ އެ ޤައުމު ގާތްވެފައިވާކަމަށާއި މިކަމުގައި އެ ޤައުމުން އިތުރު މަސައްކަތްތަކެއް އަދި ކުރަންޖެހޭކަމަށެވެ. މޯދީ ވިދާޅުވީ އިންޑިއާގެ މި ކާމިޔާބީއާމެދު އެ ޤައުމުގެ ސަރުކާރުން ފަޚުރުވެރިވާކަމަށާއި ޖައްވާގުޅޭ މިފަދަ ދިރާސާތަކަކީ ދިގު ދަތުރެއްކަމަށެވެ.

މީގެ ކުރިން ހަނދަށް ޖައްވީ އުޅަނދުތައް ފޮނުވާފައިވަނީ އެމެރިކާ، ރަޝިޔާ އަދި ޗައިނާއިން އެކަންޏެވެ. މިއީ އެއްވެސް ޤައުމަކުން ހަނދުގެ ދެކުނު ޕޯލަށް ޖައްވީ އުޅަނދެއް ފޮނުވި ފުރަތަމަ ފަހަރެވެ.