ކުޅިވަރު

އޭޝިޔާ ކުއެސްޓް ބޭއްވުމަށް ކުރި މަސައްކަތް ހުރިހާ ޤައުމަކުންވެސް ވަރަށް ފުރިހަމައަށް ބަލައިގަނެފި: އެމްބީއޭ


ތްރީ އެކްސް ތްރީ ފީބާ އޭޝިޔާ ކުއެސްޓްގެ ހުރިހާ ކަމެއްގައިވެސް ދިވެހި އޮފިޝަލުން އިސްވެ ތިބުމަކީ ކުރިއަށް މިކަހަލަ މުބާރާތްތައް ބާއްވަން ލިބޭ ބޮޑު ހިތްވަރެއްކަމަށް އެމްބީއޭގެ ޖެނެރަލް ސެކެޓްރީ ވިޝާމް ރަޝީދު ބުނެފިއެވެ.

ތްރީ އެކްސް ތްރީ ފީބާ އޭޝިޔާ ކުއެސްޓަކީ ރާއްޖޭގައި ބާއްވާ ތްރީ އެކްސް ތްރީގެ ފުރަތަމަ ބައިނަލްއަގްވާމީ މުބާރާތެވެ. މި މުބާރާތް ބޭއްވުމަށް ތްރީ އެކްސް ތްރީއަށް ޚާއްސަ ކޯޓެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި އެޅިއިރު، މިއީ ގިނަ ގޮތްގޮތުން ޗެލެންޖިންގ ކަމެއްގެ ގޮތުގައި މީގެ ކުރިން އެމްބީއޭއިންވަނީ ސިފަކޮށްފައެވެ.

މޯލްޑިވްސް ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ ވިޝާމް ރަޝީދު ބުނީ ކިތަންމެ ބޮޑު ގޮންޖެހުމަކާއިއެކުވެސް މިވަރުގެ ބޮޑު މުބާރާތެއް ކާމިޔާބުކަމާއިއެކު ބޭއްވޭނެކަމުގެ ޔަގީންކަން އޮތްކަމަށާއި، މިއީ ބޮޑު ކާމިޔާބެއްކަމަށެވެ. މުބާރާތުގެ މެޗުތަކުގެ އިންތިޒާމްތަކާއި، ޓޭބަލް އޮފިޝަލުންގެ ގޮތުގައިވެސް ތިބީ ހުސް ދިވެހިންކަމަށާއި، މިއީ ކުރިއަށްހުރި މުބާރާތްތައް ބޭއްވުމަށް ލިބުނު ބޮޑު ހިތްވަރެއްކަމަށް އޭނާ ބުންޏެވެ.

ވިޝާމް ބުނީ ރާއްޖޭގައި މުބާރާތް ބޭއްވުމުން ޓީމްތަކުންވެސް ހިތްހަމަޖެހުން ފާޅުކުރިކަމަށާއި، މިއީ މިހާތަނަށް ބޭއްވުނު އެންމެ ހިތްގައިމު އެއް މުބާރާތަށްވާނެކަމަށެވެ. އަދި މީގެ އިތުރުން މުބާރާތުގެ މެޗުތަކަށް އިންސާފުކޮށްދޭ ރެފްރީންގެ ތެރޭގައި ދިވެހި ތިން ރެފްރީން ހިމެނުމަކީވެސް ލިބޭ ބޮޑު ހިތްހަމަޖެހުމަކާއި އުފަލެއްކަމަށް އޭނާ ބުންޏެވެ.

"ހަގީގަތުގައި ބައެއް މީހުން ހިތަށްއެރި މިއީ ވާނެކަމެއް ބާއޭވެސް، އެކަމަކު ވަރަށް ޗެލެންޖިން މަސައްކަތެއްކޮށް ވަރަށް ކާމިޔާބުކަމާއިއެކު މި ދަނީ. އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޓޭބަލް އޮފިޝަލުންގެ ގޮތުގައިވެސް މިތިބީ ސަޓިފައިޑް ހުސް ރާއްޖޭގެ ކުދިން. އިންތިޒާމްތަކުގައިވެސް ހުސް ދިވެހިން. މިއީ ވަރަށް ބޮޑު އުފަލެއް އަދި ކުރިއަށް މުބާރާތްތައް ބާއްވަން ލިބޭ ހިތްވަރެއް. "