ކުޅިވަރު

އުއްމީދުކުރިވަރަށްވުރެ މުބާރާތުގެ އިންތިޒާމްތައް ރަނގަޅު: ފީބާ އޭޝިޔާ


އުއްމީދުކުރިވަރަށްވުރެ މިފަހަރުގެ ތްރީ އެކްސް ތްރީ ފީބާ އޭޝިޔާ ކުއެސްޓްގެ އިންތިޒާމްތައް ރަނގަޅުކަމަށް ފީބާ އޭޝިޔާގެ މުބާރާތްތަކާއި ހަވާލްވެހުރި އެސިސްޓަންޓް މޭނޭޖަރ ކްރިސްޓީނާ ބުނެފިއެވެ.

ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ ފުރަތަމަ ތްރީ އެކްސް ތްރީ މުބާރާތުގެ މައި ސުޕަވައިޒަރެއްގެ ގޮތުގައި ފީބާގެ ފަރާތުން ހަވާލްވެހުރި ކްރިސްޓިނާ ބުނީ ރާއްޖޭގައި ތްރީ އެކްސް ތްރީއަށް އޮތް ފޯރި މީގެ ކުރިން އަޑު އިވިފައިއޮތްކަމަށާއި، މި މުބާރާތާއިއެކު އެ ފޯރި ފެނިއްޖެކަމަށެވެ. އޭނާ ބުނީ ގުދުރަތީ ރީތިކަން ލިބިފައިވާ ރާއްޖޭގައި މިފަދަ މުބާރާތެއް ބާއްވަން ފީބާއިން ނިންމި މައިގަނޑު ސަބަބަކީވެސް އެއީކަމަށެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފެންވަރު ރަނގަޅު ކޯޓެއް އަޅައި މުބާރާތް ބޭއްވުމަށް ރާއްޖެއިން ފުރިހަމަ ތައްޔާރީއެއްވިކަމަށާއި، އުއްމީދުކުރިވަރަށްވުރެ މިފަހަރުގެ މުބާރާތުގެ އިންތިޒާމްތައް ރަނގަޅުކަމަށް ކްރިސްޓިނާ ބުންޏެވެ. އަދި މުބާރާތް ކުޅޭ ކޯޓު ރަންފަންނާއި ގާތުގައި އޮތުމަކީ ޓީމްތަކަށްވެސް ލިބުނު ބޮޑު ހިތްހަމަޖެހުމެއްކަމަށާއި، މެޗު ނޯންނަ ވަގުތުތަކުގައި މޫދަށް އެރިލައި ހިތްގައިމު ވަގުތުތަކެއް ހޯދަކޮށްލަންވެސް ކުޅުންތެރިންނަށް ފަސޭހަވުމަކީވެސް ފާހަގަކޮށްލެވޭކަމެއްކަމަށެވެ.

ކްރިސްޓީނާ ބުނީ މި މުބާރާތަކީ ފެންވަރުގެ ގޮތުން ބަލާއިރުވެސް ފާހަގަކޮށްލެވޭ މުބާރާތެއްކަމަށާއި، ކުޅުންތެރިންގެ ހުނަރާއި، ޓިމްތަކުގެ ފެންވަރުވެސް މި މުބާރާތުގައި ވަރަށް ރަނގަޅުކަމަށެވެ.

"ހަގީގަތަށް ބުނާނަމަ ހިއެއް ނުކުރަން މިވަރުގެ ރަނގަޅު އިންތިޒާމްތަކަކަށް، ވެނިއު ވަރަށް ރަނގަޅު، ކޯޓުގެ ފެންވަރު ރަނގަޅު، އަނެއްކޮޅުން ބީޗް މިއޮތީ ޖެހިގެން، ޓީމްތަކަށްވެސް ވަރަށް ސަޅި އެކްސްޕީރިއަންސްއަކަށްވާނެ މިފަހަރު. އެންމެ މަހެއްގެ ތެރޭ ދިވެހިރާއްޖެއިން މިކުރީ ވަރަށް ފުރިހަމަ މަސައްކަތެއް. ފީބާ އޭޝިއާއިން ވަރަށް ހިތްހަމަޖެހިފައި މިތިބީ ރާއްޖެއަށް މިފަދަ ފުރުސަތެއް ދެވުނީމަ. "