ތްރީ އެކްސް ތްރީ ފީބާ އޭޝިޔާ ކުއެސްޓްގެ ކުއާޓަރ ފައިނަލްގައި ވާދަކުރާ ޓީމްތައް ކަށަވަރުވެއްޖެއެވެ.
16 ޓީމް ވާދަކުރި ފިރިހެން ބައި ކުޅުނީ ހަތަރު ގްރޫޕަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕަކުން ދެ ޓީމަށް ގަދަ އަށަކުން ފުރުސަތު ލިބުނު އިރު، ކުއާޓަރ ފައިނަލް ފުރަތަމަ މެޗުގައި އިންޑޮނީޝިޔާގެ އީސްޓް ޖަކާތާ ނިކުންނާނީ ތުރުކްމިނިސްތާންގެ އަޝްގަބަތާއި ދެކޮޅަށެވެ. ކުއާޓަރ ފައިނަލް ދެވަނަ މެޗުގައި ސްރީލަންކާގެ ކޮލޮމްބޯ ލަޔަންސް ނިކުންނާނީ އިންޑިޔާގެ ޕަންޖާބް ސްޓީލާސްއާއި ދެކޮޅަށެވެ.
ގަދަ އަށެއްގެ އެންމެ ފޯރިގަދަވާނެކަމަށް ބެލެވޭ މެޗަކީ ފިރިހެން ބައިގެ ދެވަނައަށް ސީޑްކޮށްފައި އޮތް މޮންގޯލިއާގެ އަޚަންގާއީ އަދި ޤަތަރުގެ ދޯހާ ވާދަކުރާ މެޗެވެ. ގަދަ އަށެއްގެ ފަހު މެޗަކީ މެލޭޝިޔާގެ ކުއަލަލަމްޕޫރު ޓައިގާސް އަދި ކަރިކިސްތާންގެ ބިޝްކެކް ވާދަކުރާ މެޗެވެ.
އަންހެން ބަޔަށް ބަލާއިރު އަންހެން ބައިގައި ވާދަކުރި ބާރަ ޓީމްވެސް ބަހާލާފައިވަނީ ތިން ގްރޫޕަށެވެ. އަންހެން ބައިގެ ކުއާޓަރ ފައިނަލް ފުރަތަމަ މެޗުގައި ޗައިނީސް ތައިޕޭގެ ޓައިޕޭ ބެއާސް ނިކުންނާނީ ލެބަނަންގެ ބިބްލޯސް ޕައިނިއާސްއާއި ދެކޮޅަށެވެ.
ކުއާޓަރ ފައިނަލް ދެވަނަ މެޗުގައި މެލޭޝީޔާގެ ކުއަލަމްޕޫރް ޓައިގާސް ނިކުންނާނީ އިންޑިޔާގެ ކޮޗީ ސްޓާރސްއާއި ދެކޮޅަށެވެ. ޗައިނާގެ ޓޮޕް ސްޓާރ ނިކުންނާނީ ސްރީލަންކާގެ ކޮލޮމްބޯ ލަޔަންސްއާއި ދެކޮޅަށެވެ. ކަޒަކިސްތާންގެ އަސްތާނާ ޓައިގާސް ގަދަ އަށެއްގެ ފަހު މެޗުގައި ނިކުންނާނީ މޮންގޯލިޔާގެ އުލަންބަޓާރް އެމޭޒަންސްއާއި ދެކޮޅަށެވެ.