ކުޅިވަރު

3 އެކްސް 3 ފީބާ އޭޝިޔާ ކުއެސްޓް: ގްރޫޕް ސްޓޭޖުން ރާއްޖޭގެ ޓީމްތަކަށް މުބާރާތް ނިމިއްޖެ


ތްރީ އެކްސް ތްރީ ފީބާ އޭޝިޔާ ކުއެސްޓްގެ ކުއާޓަރ ފައިނަލުން ފުރުސަތު ނުލިބި ރާއްޖޭގެ ހުރިހާ ޓީމްތައް ކަޓައިފިއެވެ.

އެހެން ޤައުމުތަކާއި ޚިލާފަށް ހޮސްޓް ޤައުމުގެ ހައިސިއްޔަތުން ރާއްޖޭގެ އަންހެން 2 ޓީމަށް އަދި ފިރިހެން 2 ޓީމަށްވަނީ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބިފައެވެ. ރާއްޖެއިން ވާދަކުރި ހަތަރު ޓީމަށް ނަން ދީފައިވަނީ މާލޭގެ އަވަށްތަކަށް ނިސްބަތްކޮށެވެ.

ފިރިހެން ބައިގައި މައްޗަންގޯޅި ކުޅުނު ތިން މެޗުންވެސްވަނީ ބަލިވެފައެވެ. ކޮރެއާއާއި ވާދަކުރި މެޗުގައި ދިވެހި ޓީމުން ދިހަ ޕޮއިންޓް ސްކޯރ ކުރިއިރު، ކިރިގިސްތާނާއި، ތުރުކްމިނިސްތާން މެޗުގައި މައްޗަންގޯޅި ޓީމުން ބާރަ ޕޮއިންޓް ސްކޯކުރިއެވެ. ފިރިހެން ދެވަނަ ޓީމްވެސް ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވަނީ ބަލިވެފައިެވެ. ފުރަތަމަ މެޗުގައި ގަތަރު އަތުން ބަލިވީ އެކާވީސް ނުވަޔަކުންނެވެ. ދެވަނަ މެޗުގައި ލުބްނާން އަތުން ބަލިވީ ވިހި ތޭރައިންނެވެ. އަދި ފަހު މެޗުގައި ސްރީލަންކާ އަތުން ބަލިވީ އެކާވީސް ފަހަކުންނެވެ.

އަންހެން ބައިގައި ވާދަކުރި ދިވެހި ދެ ޓީމަކީ މާފަންނާއި ހެންވޭރެވެ. މާފަންނު ފުރަތަމަ މެޗުގައި ޗައިނާ އަތުން އެކާވީސް ހަތަރަކުން ބަލިވިއިރު، އިންޑިޔާ އަތުން ބަލިވީ ސަތާރަ އެގާރައިންނެވެ. މިއީ މިހާތަނަށް މި މުބާރާތުގައި ދިވެހި ޓީމަކުން ނެރުނު އެންމެ ރަނގަޅު ނަތީޖާއެވެ.

ރާއްޖޭގެ ހެންވޭރު ޓީމް ލައްވާލީ މޮންގޯލިޔާ އަދި ޗައިނީސް ޓައިޕޭއާއިއެކު ވަރުގަދަ ގްރޫޕެއްގައެވެ. ފުރަތަމަ މެޗުގައި މޮންގޯލިޔާ އަތުން އެކާވީސް ހަތަކުން ބަލިވިއިރު، ދެވަނަ މެޗުގައި ޗައިނީސް ޓައިޕޭ އަތުންވެސް ބަލިވީ ހަމަ މި ނަތީޖާއިންނެވެ.