ކުޅިވަރު

3 އެކްސް 3 ފީބާ އޭޝިޔާ ކުއެސްޓް: ވަރުގަދަ ޗައިނާ ގްރޫޕް ސްޓޭޖުން ކަޓައިފި


ތްރީ އެކްސް ތްރީ ފީބާ އޭޝިޔާ ކުއެސްޓްގެ އެއްވަނައަށް ސީޑްކުރި ފިރިހެން ޓީމް ޗައިނާ ފުރަތަމަ ބުރުން ކަޓައިފިއެވެ.

މުބާރާތުގެ އެންމެ ވަރުގަދަ ފޭވަރިޓުން ކެޓީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން ބަލިވެ ހިތްދަތި ގޮތަކަށެވެ. ފުރަތަމަ މެޗުގައި ޗައިނާ ބަލިވީ އެންމެ ދަށް ޓީމްގެ ގޮތުގައި ސީޑްކުރި މެލޭޝިޔާގެ ކުއަލަލަމްޕޫރު ޓައިގާސް އަތުންނެވެ. ދެވަނަ މެޗުގައި އަށްވަނަ ސީޑްކޮށްފައިވާ އިންޑޮނީޝިޔާ އަތުން ބަލިވިއިރު، ކަޒަކިސްތާން އަތުންވެސް އެޓީމް ބަލިވެ ކެޓީ ވާދަވެރި ނަތީޖާއަކުންނެވެ. ތިން މެޗުގައިވެސް ލީޑްގައި އޮވެ ކުޅެމުންދިޔައީ ޗައިނާ ޓީމެވެ. އެހެންނަމަވެސް އިދިކޮޅު ޓީމްތަކުން ނަތީޖާ އަނބުރާލީ އެންމެ ފަހު ތިން މިނެޓުގައެވެ.

މުބާރާތުން ކެޓި އެހެން ޓީމްތަކަށްބަލާއިރު ފިރިހެން ބައިގައި ތިންވަނައަށް ސީޑްކުރި ދެކުނު ކޮރެޔާ ކެޓީ ގްރޫޕުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެގެންނެވެ. އެ ޓީމް މޮޅުވީ ރާއްޖެ އަތުން އެކަންޏެވެ. ކިރިގިސްތާން އަތުން ބޮޑު ތަފާތަކުން ބަލިވިއިރު، ތުރުކްމިނިސްތާން އަތުން ބަލިވީ އެންމެ ދެ ޕޮއިންޓްގެ ތަފާތުންނެވެ. މިއީ މި މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ފޯރިގަދަ އެއް މެޗެވެ.

އަންހެން ބަޔަށް ބަލާލާއިރު، ހަތަރުވަނައަށް ސީޑްކުރި ތުރުކްމިނިސްތާންގެ އަޝްބަގަތްވަނީ މުބާރާތުން ކަޓާފައެވެ. އެޓީމް ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުންވެސް ބަލިވިއިރު، އެންމެ ތަފާތު ބޮޑުކޮށް ބަލިވީ މެލޭޝިޔާގެ ކުއަލަލަމްޕޫރު ޓައިގާސް އަތުނެވެ. ގްރޫޕްގައި ދެން ހިމެނޭ ސްރީލަންކާގެ ކޮލޮމްބޯ ލަޔަންސް އަތުން ބަލިވީ ނުވައެއް ސާދައިންނެވެ.

މި މުބާރާތުގައި މިހާތަނަށް ފެނުނު މެޗުތަކަށް ބަލާއިރު، އެންމެ ބޮޑު ކުރިއެރުމެއް ހޯދި ޤައުމަކީ މެލޭޝިޔާއެވެ. ފިރިހެން ބަޔާއި އަންހެން ބައިގައިވެސް އެންމެ ފުލުން ރޭންކްކޮށްފައި އޮތް ދެ ޓީމްވެސް ގަދަ އަށަކުން ޖާގަ ހޯދީ ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައެވެ.