ޞުލްޙަވެރި، އަމާން ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށްޓަކައި، ސަރުކާރުން ގެންގުޅުއްވާ "ޕޮލިސީ އޮފް ޒީރޯ ޓޮލެރަންސް އޮން ޓެރަރިޒަމް" ތަންފީޛުކުރުމަށްޓަކައި، މިހާރުން މިހާރަށްވެސް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމުގެ ޔަޤީންކަން، ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުން ދެއްވައިފިއެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަންގެ ރައީސް އަލްއުސްތާޛު ޙުސްނުއް ސުޢޫދާ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި، ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އާއި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެންމެ އިސްވެރިންނާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ޑިފެންސް މިނިސްޓަރާއި ޤައުމީ ދިފާޢީ ބާރުން ވަނީ ޓެރަރިޒަމްގެ އަމަލުތަކާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ޑިފެންސް މިނިސްޓްރީގައި އޮތް މި ބައްދަލުކުރެއްވުމުގައި، ޑިފެންސް މިނިސްޓަރާއި ޤައުމީ ދިފާޢީ ބާރުގެ އެންމެ އިސްވެރިންވަނީ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން ނެރުއްވާފައިވާ އިންޓެރިމް ރިޕޯޓާމެދު މަޝްވަރާކުރައްވާފައެވެ. އަދި، ހައްދުފަހަނައަޅާދިޔުމާއި ވަޔަލެންޓް އެކްސްޓްރީމިޒަމްގެ ޢަމަލުތައް ދިވެހިރާއްޖޭގައި ހިނގާކަމީ، އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމުގައި އެބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ.
ޤައުމީ ދިފާޢީ ބާރުން ވަނީ ޓެރަރިޒަމާ ގުޅުންހުރި ކަންކަމަކީ، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި ޤައުމުގެ ހަމަޖެހުމާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ ކަންކަމަށްވާތީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި، ކަމާބެހޭ ދައުލަތުގެ އެހެނިހެން މުއައްސަސާތަކާ ގުޅިގެން، ޞުލްޙަވެރި، އަމާން ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ "ޕޮލިސީ އޮފް ޒީރޯ ޓޮލެރަންސް އޮން ޓެރަރިޒަމް" ތަންފީޛުކުރުމަށްޓަކައި، މިހާރުން މިހާރަށްވެސް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމުގެ ޔަޤީންކަން، ދިވެހި ރައްޔިތުންނަށް އަރުވާފައެވެ.