ޚަބަރު

އެމެޒޯންގައި އަނދަމުންދާ އަލިފާންގަނޑުތައް ކޮންޓްރޯލްކުރުމުގައި ބްރެޒިލުން ކުރިއެރުންތަކެއް ހޯދައިފި


އެމެޒޯން ޖަންގަލީގައި އަނދަމުންދާ އަލިފާންގަނޑުތައް ކޮންޓްރޯލްކުރުމުގައި ބްރެޒިލުން ބޮޑެތި ކުރިއެރުންތަކެއް ހޯދައިފިއެވެ.

ބްރެޒިލްގެ ސިފައިން ބުނީ އަލިފާނުގެ އަސަރު އެންމެ ބޮޑަށްކޮށްފައިވާ އެއް ސަރަޙައްދުކަމަށްވާ ރޮންޑޮނިއާގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި އެއްހާސް ދުއިސައްތަ ސިފައިން ހަރަކާތްތެރިވަމުންދާކަމަށެވެ.

ބްރެޒިލްގެ ގްރީން ކޭމްޕޭންގެ ކޮމާންޑަރު ލުސިއާނޯ ބަޓިސްޓާ ވިދާޅުވީ ސިފައިންގެ ކޮމާންޑް ސެންޓަރަށް ފާހަގަކުރެވުނު ބޮޑަށް އަނދަމުންދާ 40 އަލިފާންގަނޑުގެ ތެރެއިން 4 އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވާކަމަށާއި ރޮންޑޮނިއާގައި އިތުރު އަލިފާންގަނޑެއް އަނދަމުންދާކަން މުޅިން ކަށަވަރުނުވިނަމަވެސް ބޯކޮށް ވާރޭވެހުމާއި ސިފައިން ކުރަމުންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެ ސަރަޙައްދުން އިތުރު އަލިފާންގަނޑެއް ނުފެންނާނެކަމުގެ އުންމީދު ބޮޑުކަމަށެވެ. ރޮންޑޮނިއާއަށް ބޯކޮށް ވާރޭވެހުމަކީ އެ ސަރަޙައްދުން އަލިފާންގަނޑުތައް ނިއްވާލުމަށް ސިފައިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދިޔަކަމެކެވެ.

ބްރެޒިލްގެ އެމެޒޯން ޖަންގަލީގައި އަލިފާން ރޯވި ސަބަބުތަކުގެ ތެރޭގައި ތިމާވެށީގެ ސަބަބުތަކުގެ އިތުރުން އިންސާނުންގެ ދައުރުވެސް ހިމެނޭކަމަށް އެ ޤައުމުން ބުނެއެވެ. އެމެޒޯންގައި ހިނގާ އަލިފާނުގެ ހާދިޡާތައް ހުއްޓުވުމަށް ބްރެޒިލްގެ ރައީސް ޚައީރް ބޮލްސޮނާރޯވަނީ ދަނޑުވެރިކަންކުރުމަށް ބިން ސާފުކުރުމަށް 60 ދުވަސްވަންދެން އަލިފާން ބޭނުންކުރުން މަނާކުރުމުގެ ރިޔާސީ އަމުރެއްގައި ސޮއިކުރައްވާފައެވެ.