ޚަބަރު

އިޤްތިޞާދީ މައްސަލަތައް ސިޔާސީކުރަން އެމެރިކާކުރާ މަސައްކަތްތަކާ ވަރަށް ބޮޑަށް ދެކޮޅު: ޗައިނާ


އިޤްތިޞާދާއި ވިޔަފާރީގެ މައްސަލަތައް ސިޔާސީކުރަން އެމެރިކާކުރާ މަސައްކަތްތަކާ ވަރަށް ބޮޑަށް ދެކޮޅުކަމަށް ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ޖެންގް ޝުއާންގް ވިދާޅުވެއްޖެއެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖެންގް ޝުއާންގް މިހެން ވިދާޅުވީ ޗައިނާގެ ވާވޭ ކުންފުނީގެ އުފެއްދުންތަކާ ދެކޮޅަށް އެމެރިކާގެ ނާއިބު ރައީސް މައިކް ޕެންސް ކުރެއްވި އަސާސެއްނެތް ތުޙުމަތުތަކާ ގުޅޭގޮތުން ނޫސްވެރިއަކުކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އައިސްލޭންޑަށް ކުރެއްވި ދަތުރުފުޅެއްގައި ޕެންސްވަނީ އެމެރިކާއާއި ޗައިނާއިންވެސް 5ޖީ ނެޓްވޯކްގެ އުފެއްދުންތައް އުފައްދާކަމަށް ވިދާޅުވެ ޗައިނާގެ ވާވޭ ކުންފުނީގެ އުފެއްދުންތައް އިމްޕޯޓްކުރުން މަނާކުރުމުގެ މުހިއްމުކަން އައިސްލެންޑަށާއި އެމެރިކާގެ އެހެން ބައިވެރިންނަށް ވިސްނައިދޭން މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ޝުއާންގް ވިދާޅުވީ ޗައިނާއާއި އެހެން ޤައުމުތަކާއި ދެމެދު ހިނގާ ވިޔަފާރީގެ މުޢާމަލާތްތައް ހުއްޓުވުމަށް އެކި ޤައުމުތަކަށް ވަޑައިގެން އެމެރިކާގެ އިސްވެރިން މި މޭރުމުން ވާހަކަދެއްކެވުމަކީ ވިޔަފާރީގެ މައްސަލަތައް ސިޔާސީކުރުންކަމަށާއި މިއީ ޗައިނާ ވަރަށް ބޮޑަށް ދެކޮޅު ހަދާކަމެއްކަމަށެވެ. މި މައްސަލައިގައި އެމެރިކާއަށް ފާޑުވިދާޅުވަމުން ޗައިނާގެ ތަރުޖަމާނުވަނީ އެމެރިކާގެ މިފަދަ ޢަމަލުތަކަކީ ވިޔަފާރީގެ މުޢާމާލާތްތަކަށް ބާރާއި ނުފޫޒު ހިންގުމުގެ ޢަމަލުތަކެއްކަމަށް ސިފަކުރައްވާފައެވެ.

ވިލާތުގެ ބައެއް ޤައުމުތައްކަމަށްވާ ޕޮލެންޑް، އައިސްލެންޑް އަދި އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުތަކުގައި އެމެރިކާގެ ނާއިބު ރައީސްވަނީ ޗައިނާ ބަދުނާމުކުރައްވައި ބަޔާންތައް ދެއްވާފައެވެ. މީގެތެރޭގައި ވާވޭގެ އުފެއްދުންތައް ބޭނުންކުރުން ހުއްޓާލުމަށް ގޮވާލެއްވުމާއި ޗައިނާގެ ބެލްޓް އެންޑް ރޯޑް މަޝްރޫޢަކީ ބޭނުންތެރި މަޝްރޫއެއްނޫންކަން އެ ޤައުމުތަކަށް ސިފަކޮށްދޭން މަސައްކަތްކުރެއްވުން ހިމެނެއެވެ.