އިންޑިއާއިން ފުރަތަމަ ފަހަރަށް ހަނދުގެ ދެކުނު ޕޯލަށް ފޮނުވި ޖައްވީ އުޅަނދާ އެ ޤައުމުގެ ޖައްވާބެހޭ ދިރާސާކުރާ އިދާރާއާ ދެމެދު މުވާޞަލާތީ ގުޅުންތައް ކެނޑިއްޖެއެވެ. އެ އިދާރާއިން ބުނެފައިވަނީ މުވާޞަލާތީ ގުޅުންތައް ކެނޑިގެން ދިޔައީ އެ އުޅަނދު ހަނދުގައި ޖައްސަން ތައްޔާރުވަމުންދަނިކޮށްކަމަށެވެ.
އިންޑިއާގެ ޖައްވާބެހޭ ދިރާސާތައް ކުރާ އިދާރާގެ ޗެއަރމަން ކޭ ސިވާން ވިދާޅުވީ އިންޑިއާއިން ފަރުމާކުރި މި ޖައްވީ އުޅަނދުން މިހާތަނަށް ފޮނުވާފައިވާ މަޢުލޫމާތު ގާތުން ބަލާ ދިރާސާކުރަމުންދާކަމަށެވެ. އަދި މުވާޞަލާތީ ގުޅުންތައް މެދުކެނޑުނު ސަބަބު ބުނެދޭން އަދި ނޭނގޭކަމަށްވެސް ސިވާން ވިދާޅުވިއެވެ.
އިންޑިއާއިން ހަނދަށް ފޮނުވި ޖައްވީ އުޅަނދުގެ މިޝަންގައި މަސައްކަތްކުރި ސައިންސްވެރިންނާ ބައްދަލުކުރެއްވުމަށްފަހު އެ ޤައުމުގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ވިދާޅުވީ މި މިޝަނުގައި ހިމެނޭ ސައިންސްވެރިން ޙާޞިލްކޮށްފައިވާ ކާމިޔާބީއަކީ ފާހަގަކުރަންޖެހޭ ކާމިޔާބީއެއްކަމަށެވެ. މޯދީ އިތުރަށް ވިދާޅުވީ އިންޑިއާއިން މިކަމުގައި ކަނޑައެޅި ލަނޑުދަނޑިތައް ޙާޞިލްކުރުމާ އެ ޤައުމު ގާތްވެފައިވާކަމަށާއި މިކަމުގައި އެ ޤައުމުން އިތުރު މަސައްކަތް އަދި ކުރަންޖެހޭކަމަށެވެ. މޯދީ ވިދާޅުވީ އިންޑިއާގެ މި ކާމިޔާބީއާމެދު އެ ޤައުމުގެ ސަރުކާރުން ފަޚުރުވެރިވާކަމަށާއި ޖައްވާގުޅޭ މިފަދަ ދިރާސާތަކަކީ ދިގު ދަތުރެއްކަމަށެވެ.
މީގެ ކުރިން ހަނދަށް ޖައްވީ އުޅަނދުތައް ފޮނުވާފައިވަނީ އެމެރިކާ، ރަޝިޔާ އަދި ޗައިނާއިން އެކަންޏެވެ. މިއީ ހަނދުގެ ދެކުނު ޕޯލަށް ޖައްވީ އުޅަނދެއް އެއްވެސް ޤައުމަކުން ފޮނުވި ފުރަތަމަ ފަހަރެވެ.