ޚަބަރު

ރިޟުވާންގެ މައްސަލައިގެ ތަޙުގީގަށްފަހު ބަޔަކާމެދު ފިޔަވަޅު އަޅަންޖެހޭނަމަ ފިޔަވަޅު އަޅާކަން ކަށަވަރުކުރާނަން - ހޯމް މިނިސްޓަރ


މަރާލާފައިވާ ނޫސްވެރިޔާ ރިޟުވާން ޢަބްދުﷲގެ މައްސަލައިގެ ތަޙުގީގާ ގުޅޭގޮތުން ފުލުހުންގެ އިދާރާއިން އަޅަންޖެހޭ ފިޔަވަޅެއް އޮތްނަމަ އެފިޔަވަޅުތައް އަޅަމުންދާކަން ކަށަވަރުކުރައްވާނެކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިޟުވާން ޢަބްދުﷲގެ މައްސަލަ މިހާރު ބަލަމުންދަނީ މަރާލާފާވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުންކަމަށެވެ. އަދި ތަޙުގީގަށްފަހު ފިޔަވަޅު އަޅަންޖެހޭ މީހުންނާމެދު ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ފިޔަވަޅު އަޅުއްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށެވެެ. އަދި މިތަޙުގީގާ ގުޅިގެން ފިޔަވަޅު އަޅަން ޖެހޭނަމަ ފިޔަވަޅު އަޅާފައިވާކަން ކަށަވަރުކުރައްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައި މިވަނީ ރިޟުވާން ޢަބްދުﷲ ރާއްޖެއިން ބޭރަށް ދިޔަފަހުން މަރުވި ކަމަށް ދެއްކުމަށް ޕާސްޕޯޓް ހައްދަން މަސައްކަތްކުރި ކަމަށްބުނާ ދެފުލުހުން ހައްޔަރު
ކުރަންޖެހޭފަދަ ޤާނޫނީ ސަބަބެއް ނެތްކަމަށް މަރާލައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަ ތަޙްޤީޤުކުރާ ކޮމިޝަނުން އަންގާފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައިވަނިކޮށެވެ.

އެދެފުލުހުނނާދެކޮޅަށް ޖިނާއީ ދަޢުވާ ކުރެވޭ މިންވަރަށް ހެކިލިބިފައިނުވާކަމަށް ކޮމިޝަނުންވަނީ މަޢުލޫމާތު ދެއްވާފައިކަމަށް ފުލުހުން ވިދާޅުވެއެވެ.