ކުޅިވަރު

ބާސްކެޓްބޯޅައަށް ޚާއްސަކޮށް އަޅާ އިންޑޯ ކޯޓުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ - މިނިސްޓަރ މަޙުލޫފު


ހަމައެކަނި ބާސްކެޓްބޯޅައަށް ޚާއްސަކޮށް އަޅާ އިންޑޯ ކޯޓުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަޙުމަދު މަޙުލޫފު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ ފުރަތަމަ ތްރީ އެކްސް ތްރީ މުބާރާތް ޝަރަފްވެރިކޮށްދެއްވައި މިނިސްޓަރ މަޙުލޫފު ވިދާޅުވީ ރާއްޖޭގައި ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެއްކަމަށާއި، ސަރުކާރުން ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވުމަށް އަބަދުވެސް އެހީތެރިކަން ލިބޭނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މި މުބާރާތް ބޭއްވުމުގެ ފުރުސަތު ލިބުމާއިއެކުވެސް ފެންވަރު ރަނގަޅު މުބާރާތެއް ބޭއްވޭނެކަމުގެ ޔަގީންކަން އޮތްކަމަށާއި، ކިތަންމެ ބޮޑު ޚަރަދެއްވިޔަސް ކުޅިވަރަށް ހޭދަކުރައްވަން ސަރުކާރުން އޮތީ ތައްޔާރަށްކަމަށެވެ. އަދި ބާސްކެޓްބޯޅަ ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ތެރެއިން ބާސްކެޓަށް ޚާއްސަ އިންޑޯ ކޯޓު އެޅުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށާއި، އިންޑޯ ކޯޓުގެ ކުރެހުން ނިމި ބީއޯކިޔުވެސް ވަރަށް އަވަހަށް ނެރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މުބާރާތް ބާއްވަން ފުރުސަތު ލިބުނުއިރުވެސް އިނގޭ ބޮޑު ޚަރަދެއް ހިނގާނެކަން، އެކަމަކުވެސް އަޅުގަނޑުމެން ބޭނުންވީ މިކަންކުރަން، ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހުގެ ވަޢުދުފުޅެއް. މިފަދަ މުބާރާތެއް ބޭއްވުމަކީ ރާއްޖޭގެ ތްރީ އެކްސް ތްރީއަށް ލިބޭ ބޮޑު ކުރިއެރުމެއް" މިނިސްޓަރ ވިދާޅުވިއެވެ.

ތްރީ އެކްސް ތްރީ ފީބާ އޭޝިޔާ ކުއެސްޓްގައި އޭޝިޔާގެ 15 ޤައުމަކުން 28 ޓިމެއް އަންނަނީ ވާދަކުރަމުންނެވެ. އެއީ އަންހެން 12 ޓީމާއި ފިރިހެން 16 ޓީމެވެ.