ޚަބަރު

ވެނެޒުއެލާއިން ބޭނުންވަނީ ހަނގުރާމައިގެ ބަދަލުގައި ސުލްޙަ: މަދޫރޯ


ވެނެޒުއެލާއިން ބޭނުންވަނީ ހަނގުރާމައިގެ ބަދަލުގައި ސުލްޙަކަމަށް އެ ޤައުމުގެ ރައީސް ނިކޮލަސް މަދޫރޯ ވިދާޅުވެއްޖެއެވެ.

ޗައިނާ ސެންޓްރަލް ޓެލެވިޜަން (ސީސީޓީވީ)އަށް ދެއްވި ބަސްދީގަތުމެއްގައި މަދޫރޯ ވިދާޅުވީ މިދިޔަ ހަފުތާގެ އަންގާރަދުވަހު ވެނެޒުއެލާގެ ސިފައިންގެ ލަޝްކަރުތައް ތައްޔާރީޙާލަތަށް ގެނެސް އޮރެންޖް އެލަރޓް ނެރުނީ ޤައުމުގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ޙިމާޔަތްކުރުމަށްކަމަށާ އެހެން ޤައުމުތަކަށް އިސްވެ ޙަމަލާދޭން ނޫންކަމަށެވެ. ވެނެޒުއެލާއާއި އެ ޤައުމުގެ އަވަށްޓެރި ކޮލަމްބިއާގެ ސަރަޙައްދީ ރޮނގުގެ ހޫނުވެފައިވާ މިދަނޑިވަޅުގައި މިދިޔަ އަންގާރަދުވަހު މަދޫރޯވަނީ ވެނެޒުއެލާއާ ދެކޮޅަށް ކޮލަންބިއާއިން ހިންގަފާނެ ޢުދުވާނަކަށް ތައްޔާރުވެ ތިބުމަށްޓަކައި އަސްކަރީ ތަމްރީނުތަކެއް ކުރިޔަށް ގެންދިޔުމަށް ވެނެޒުއެލާގެ ބޮލިވޭރިއަން ލަޝްކަރުތަކުގެ އޮޕަރޭޝަން ކޮމާންޑަރަށާއި އެނޫން އަސްކަރީ ޔުނިޓްތަކަށް ޢަމުރުކުރައްވާފައެވެ.

އެ ތަމްރީނުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 10-29، ވެނެޒުއެލާއާއި ކޮލަމްބިއާގެ ސަރަޙައްދީ ރޮނގުގެ ކައިރީގައިވާ ސްޓޭޓްތައްކަމަށްވާ ޒޫލިއާ، ޓަޗިރާ، އަޕޯ، އަމަޒޯނާސްގައިކަމަށް ރިޕޯޓްތައް ބުނެއެވެ.

ހަނގުރާމައާއި ތަޅާފޮޅުމުގެ ބަދަލުގައި ހަމަޖެހުމާއި ސުލްޙަ ބޭނުންވާއިރު ސުލްޙަ ޤާއިމުކުރެވޭނީ އަމިއްލަ ނަފުސުގެ ދިފާޢަށް ތައްޔާރުވެގެންކަމަށްވެސް މަދޫރޯ ވިދާޅުވިއެވެ.