ޚަބަރު

2015ވަނަ އަހަރުގެ ނިއުކްލިޔަރ އެއްބަސްވުމުގެ އިތުރު މައްދާތަކާ ޚިލާފުވާން އީރާނުން ފަށައިފި


އީރާނުގެ ނިއުކްލިޔަރ މައްސަލައިގައި 2015ވަނަ އަހަރު އެ ޤައުމާ ދުނިޔޭގެ ބާރުތަކުން ޤާއިމުކުރި ނިއުކްލިޔަރ އެއްބަސްވުމުގެ ދަށުން އީރާނުން ކުރަންޖެހޭ އިތުރު ބައެއް ކަންކަން ކުރުން ހުއްޓާލާނެކަން އީރާނުން އިޢުލާނުކޮށްފިއެވެ.

އެމެރިކާ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، ފަރަންސޭސިވިލާތް، އީރާން، ޗައިނާ އަދި ރަޝިޔާއާއެކު ޤާއިމުކުރި އެއްބަސްވުމުން 2018ވަނަ އަހަރު އެމެރިކާ ވަކިވުމަށްފަހު އީރާނާ ދެކޮޅަށް ދަތިކުރުމުގެ ވަރުގަދަ ފިޔަވަޅުތައް އަޅާފައިވާއިރު އީރާނުންވަނީ މިއަހަރުގެ ކުރީކޮޅު މި އެއްބަސްވުމުގެ ދަށުން އަޅަންޖެހޭ ބައެއް ފިޔަވަޅުތައް އެޅުން ހުއްޓާލާފައެވެ.

އީރާނުގެ ޚާރިޖީ ވަޒީރުގެ ތަރުޖަމާނު އައްބާސް މުސާވީއާ ޙަވާލީދީ އީރާނުގެ މީޑިއާއިން ބުނެފައިވަނީ 2015ވަނަ އަހަރުގެ އެއްބަސްވުމުގެ ދަށުން އީރާނަށް ނިއުކްލިޔަރ ދިރާސާކުރުން ހުއްޓުވުމަށް ގޮވާލާ މާއްދާއާ ޚިލާފަށް އަލުން މިފަދަ ދިރާސާތައް ކުރާނެކަމަށެވެ. އަދި މިކަން އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފް ވިލާތުގެ އިއްތިޙާދުގެ ޚާރިޖީ ސިޔާސަތާބެހޭ އިސްވެރިޔާ ފެޑެރީކާ މޮގެރީނީއަށް ސިޓީއަކުން މިކަން އަންގާފައިވާކަމަށްވެސް އީރާނުގެ މީޑިއާއިންވަނީ ބުނެފައެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނެފައިވަނީ 2015ވަނަ އަހަރުގެ އެއްބަސްވުމާ ޚިލާފަށް އީރާނުން އަޅާ ފިޔަވަޅުތައް އެ ޤައުމުގެ އެޓޮމިކް ހަކަތައާބެހޭ އިދާރާއިން އިޢުލާނުކުރާނެ ކަމަށެވެ.