ޚަބަރު

ސޫދާނުގެ އިންތިޤާލީ ސަރުކާރު އެކުލަވާލައިފި


ސޫދާނުގެ އިންތިޤާލީ މަރުޙަލާގައި އުފެއްދުމަށް ހަމަޖެހިފައިވާ އިންތިޤާލީ ސަރުކާރު އެކުލަވާލިކަން އެ ޤައުމުގެ ބޮޑު ވަޒީރު އަބްދުﷲ ހަމްދޫކް އިޢުލާނުކުރައްވައިފިއެވެ.

ހަމްދޫކް ވިދާޅުވީ 20 ވަޒީރުންގެ މައްޗަށް އެކުލަވާލާ އިންތިޤާލީ ސަރުކާރުގެ ކެބިނެޓަށް މިހާރު އައްޔަނުކުރީ 18 ބޭފުޅުންކަމަށާ އަނެއް ދެ ވަޒީރުން ފަހުން އިޢުލާނުކުރައްވާނެކަމަށެވެ. އިންތިޤާލީ ސަރުކާރު ހުރިހާ ވަޒީރުންވެސް ޢައްޔަނުކުރަނީ ސޫދާނުގެ ރިޔާސަތުކަމަށްވާ ސޮވްރިން ކައުންސިލާއި ސޫދާނަށް ސިޔާސީ އިސްލާޙުތައް ގެނައުމުގައި އިސްކޮށް ޙަރަކާތްތެރިވި "ފްރީޑަމް އެންޑް ޗޭންޖް ކޯލިޝަން"އާ މަޝްވަރާކުރުމަށްފަހު ޤައުމުގެ ސިޔާސީ ޙާލަތަށް ރިޢާޔަތްކޮށްގެންކަމަށް ހަމްދޫކް ވިދާޅުވިއެވެ.

ސޫދާނުގައި އެކުލަވާލި އިންތިޤާލީ ސަރުކާރަކީ ސޫދާނުގެ ކުރީގެ އަސްކަރީ ވެރިންނާއި ސިޔާސީ އިސްލާޙުތަކަށް މަސައްކަތްކުރި "ފްރީޑަމް އެންޑް ޗޭންޖް ކޯލިޝަން"އާ ދެމެދު މިދިޔަ އޮގަސްޓްމަހު ސޮއިކުރި "ކޮންސްޓިޓިއުޝަނަލް ޑެކްލަރޭޝަން"ގެ ދަށުން 3 އަހަރުގެ މުއްދަށް އެކުލަވާލި ސަރުކާރެކެވެ.

އެ ސަރުކާރުގެ ޚާރިޖީ ވަޒީރުކަމަށް އަންހެން ބޭފުޅަކު އައްޔަންކޮށްފައިވާއިރު ދާޚިލީ ވަޒީރުކަމާއި ދިފާޢީ ވަޒީރުކަމަށް ޢައްޔަންކޮށްފައިވަނީ ސިފައިންގެ ޖެނެރަލުންނެވެ. މާލީ ވުޒާރާއާއި އިޤްތިސާދާބެހޭ ވުޒާރާއާއި ސިއްޙަތާބެހޭ ވުޒާރާއާ އަދި ދަނޑުވެރިކަމާބެހޭ ވުޒާރާތައް ފަދަ ވުޒާރާތަކަށް އައްޔަން ކޮށްފައިވަނީ ފަންނީ ބޭފުޅުންނެވެ.

މިދިޔަ އޮގަސްޓްމަހުގެ އެކާވީސްވަނަ ދުވަހު ސޫދާނުގެ ބޮޑުވަޒީރުކަމާ ޙަވާލުވެވަޑައިގެންނެވި ހަމްދޫކްވަނީ އޭނާގެ އިންތިޤާލީ ސަރުކާރުގެ މައިގަނޑު އަމާޒަކީ ސޫދާނުގެ އިޤްތިޞާދު ރަނގަޅުކޮށް ފަޤީރުކަން ކުޑަކުރުމާއި ދާޚިލީ މައްސަލަތައް ޙައްލުކުރުންކަމަށް ވިދާޅުވެފައެވެ.