ޚަބަރު

އީރާނުގެ ޚާރިޖީވަޒީރާއި އިންޑޮނީޝިއާގެ ޚާރިޖީވަޒީރު ބައްދަލުކުރައްވައިފި


އީރާނުގެ ޚާރިޖީވަޒީރު މުޙައްމަދު ޖަވާދު ޒަރީފް އިންޑޮނީޝިއާގެ ޚާރިޖީވަޒީރު ރެޓްނޯ މަރްސޫޑީއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ކުރިޔަށްދިޔާއީ އީރާންގެ ޚާރިޖީވަޒީރު މިހާރު އިންޑޮނޭޝިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ޖަކާޓާގައެވެ.

މި ބައްދަލުވުމުގެ މަޝްވަރާތައް ބިނާކުރެއްވީ ދެ ޤައުމުގެ ސިޔާސީ، އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނެވެ. އެހެންނަމަވެސް ޒަރީފްވަނީ އެމެރިކާއިން އީރާނާ ދެކޮޅަށް ގެންގުޅޭ ހަރުކަށި ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުއްވާ އިންޑޮނީޝިއާގެ ޚާރިޖީވަޒީރު ރެޓްނޯ މަރްސޫޑީއާއެކު މަޝްވަރާކުރައްވާފައެވެ.

ޖަކާޓާގައި ދެއްވި ބަޔާނެއްގައި ޒަރީފް ވިދާޅުވީ އީރާނާ ދެކޮޅަށް ހަރުކަށި ގޮތެއްގައި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާ އީރާނާއެކު އިޤްތިޞާދީ މުޢާމަލާތްތައްކުރާ ޤައުމުތަކާ ދެކޮޅަށްވެސް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަކީ ޤަބޫލުކުރެވޭ ވަރަށްވުރެ މާ ހަރުކަށި ސިޔާސަތެއްކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

އީރާނާދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އެޅީ އެމެރިކާ އެކަހެރި ގޮތެއްގައި އީރާނުގެ ނިއުކްލިޔަރ އެއްބަސްވުމުން ވަކިވުމަށްފަހު އެމެރިކާ އެދޭގޮތަށް ނިއުކްލިޔާ އެއްބަސްވުން އަލުން އެކުލަވާލަން އީރާނަށް މަޖުބޫރުކުރުވުމުގެ ގޮތުންނެވެ. ނަމަވެސް އީރާނުންވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ކުރިން އެމެރިކާއާ ވާހަކަދެއްކުމަށް ދެކޮޅު ހަދާފަ. އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން އީރާނުގެ އިޤްތިސާދު ސަލާމަތްކޮށްދިނުމަށް ވިލާތުގެ ބޮޑެތި ބާރުތަކުން މަސައްކަތްކުރަމުން ގެންދާއިރު އީރާނުންވަނީ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވިލާތުގެ ބާރުތަކަށް އެކަން ނުކުރެވިއްޖެނަމަ ނިއުކްލިޔަރ އެއްބަސްވުމުގެ މުހިއްމު އަދި ޚައްސާސް ބައިތަކަށް ޢަމަލުކުރުން ހުއްޓާލާނެކަމުގެ އިންޒާރު ވިލާތުގެ ބާރުތަކަށް ދީފައެވެ.