ޚަބަރު

ހޮންގްކޮންގްގައި ހަމަޖެހުން ޤާއިމުކުރަން ޖެހޭ: މަރކެލް


ހޮންގްކޮންގްގައި މިހާރު ކުރަމުންދާ މުޒާހަރާތަކަށް ސުލްޙަވެރި ޙައްލެއް ހޯދުމަށް ކުރެވެންއޮތް ހުރިހާ މަސައްކަތެއް ކުރަންޖެހޭކަމަށް ޖަރުމަނުވިލާތުގެ ޗާންސެލަރ އާންގެލަރ މަރކެލް ވިދާޅުވެއްޖެއެވެ.

ހޮންގްކޮންގްގައި މި އަހަރުގެ ކުރީކޮޅު މުޒާހަރާކުރަން ފެށީ އެ ރަށުގައި ޖިނާޢީ ކުށްކުރާ ފަރާތްތަކުގެ ޝަރީޢަތް ޗައިނާގައި ހިންގުމަށް ގޮވާލާ ބިލެއް ހޮންގްކޮންގްގެ ސަރުކާރުން ފާސްކުރުމަށް މަސައްކަތް ކުރުމުންނެވެ. އަދި ހަމަނުޖެހުމާއި ޚިޔާލު ތަފާތުވުން ބޮޑުވެ، ހޮންގްކޮންގްގެ ސަރުކާރުން މި ބިލް އަނބުރާ ގެންދިޔަ ނަމަވެސް މި މުޒާހަރާތައްވަނީ ސަރުކާރާ ދެކޮޅަށްކުރާ މުޒާހަރާތަކަކަށް ބަދަލުވެފައެވެ. މިއާއެކު، ބުރާސްފަތި ދުވަހު އެ ރަށުގެ ސަރުކާރުންވަނީ ރަސްމީކޮށް މި ބިލް އަނބުރާ ގެންގޮސްފައިވާކަން އިޢުލާނުކޮށްފައެވެ.

ޖަރުމަނުވިލާތުގެ ޗާންސެލަރ އާންގެލަރ މަރކެލް ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އެ ޤައުމުގެ ބޮޑުވަޒީރު ލީ ކުޗަންގްއާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ވިދާޅުވީ ހޮންގްކޮންގްގެ މައްސަލައާ ގުޅޭގޮތުން ޖަރުމަނުވިލާތާ ޗައިނާއާ ދެމެދު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާކަމަށެވެ. މަރކެލް ވިދާޅުވީ އެ ރަށުގައި މިހާރު ކުރަމުންދާ މުޒާހަރާތަކަށް ސުލްޙަވެރި ޙައްލެއް ބޭނުންވާކަމަށާ މިކަމަށްޓަކައި ހުރިހާ ފަރާތަކުން މަސައްކަތް ކުރަންޖެހޭކަމަށެވެ.

ޖަރުމަނުވިލާތުގެ ޗާންސެލަރ ވިދާޅުވީ މިކަމަށް ޙައްލު ހޯދުމަށްޓަކައި މަޝްވަރާކުރުން މުހިއްމުކަމަށާ މިކަން އެ ރަށުގެ ސަރުކާރުން ކުރަމުންދާކަމުގެ އިޝާރާތެއް ކޮށްފައިވާކަމަށެވެ. އަދި މަޝްވަރާކުރި ނަމަވެސް ހޮންކޮންގްގެ ރައްޔިތުންގެ ޙައްޤުތަކާ މިނިވަންކަން ޙިމާޔަތްކުރަން ޖެހޭނެކަމަށްވެސް ޖަރުމަނުވިލާތުގެ ޗާންސެލަރ ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ހޮންގްކޮންގެ އިސްވެރިޔާ ކެރީ ލާމް ވިދާޅުވީ ހޮންގްކޮންގްގެ ސަރުކާރުން މި ބިލް އަނބުރާ ގެންދިއުމަށް ނިންމުމާ ގުޅިގެން ހޮންގްކޮންގްގައި މިހާރު އުފެދިފައިވާ ހަމަނުޖެހުންތަކަށް ޙައްލު ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. އަދި މި ބިލް އަނބުރާ ގެންދިއުމަށް ނިންމި ނިންމުމާ ހިސާބަށް އައި ކިހިނެއްކަން ސިފަކޮށްދޭން އުނދަގޫކަމަށާ ޗައިނާގެ މައި ސަރުކާރުން ހޮންގްކޮންގްގެ މި ނިންމުމަށް އެއްބާރުލުންދޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް ލާމް ވިދާޅުވިއެވެ. ލާމް ވިދާޅުވީ އޭނާގެ ސަރުކާރުގެ މި ނިންމުން ޗައިނާއަށް ވިސްނޭކަމަށާ މިނިންމުން ތަންފީޒުކުރުމަށް ޗައިނާއިން އެހީވާނެކަމަށްވެސް ހޮންގްކޮންގްގެ ސަރުކާރުން އުއްމީދުކުރާކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ޗައިނާގެ ބޮޑުވަޒީރު ވިދާޅުވީ ޗައިނާއިން އެއް ޤައުމު ދެ ސިޔާސަތު އަބަދުވެސް ޙިމާޔަތްކުރާނެކަމަށާ ހޮންގްކޮންގް ރައްޔިތުންގެ މައްޗަށް ބާރު ހިންގާނީ ހޮންގްކޮންގްގެ ސަރުކާރުންކަމަށް ޗައިނާއިން ޤަބޫލުކުރާކަމަށެވެ.