ޚަބަރު

މުގާބޭ: އެއް އިރެއްގެ މިނިވަންކަމުގެ ބާނީ، ނިމިގެންދިޔައީ ޚުދުމުޚުތާރު ވެރިއެއްގެ ގޮތުގައި


ރޮބާޓް މުގާބޭ ދުނިޔޭގެ އަލިކަންދެކެވަޑައިގަތީ 21 ފެބުރުއަރީ 1924ވަނަ އަހަރު ކުޓަމާގެ ފަޤީރު އާއިލާއަކަށެވެ. އޭނާގެ ފުރިހަމަ ނަމަކީ ރޮބަޓް ގެބްރިއަލް މުގާބޭއެވެ. މުގާބޭގެ ބައްޕާފުޅަކީ ގެބްރިއަލް މަޓިބިރީއެވެ. މަންމާފުޅަކީ ބޯނާއެވެ.

ރޮބާޓް މުގާބޭ އޭނާގެ ޅައުމުރުގައި މަސައްކަތްކޮށްފައިވަނީ ޕްރައިމަރީ ސްކޫލު ޓީޗަރެއްގެ ގޮތުގައެވެ. އެއަށްފަހު ދެކުނު އެފްރިކާގެ ޔުނިވަރސިޓީ ފޯޓް ހެޔަރއިން މަތީ ތަޢުލީމް ހާޞިލްކުރެއްވުމަށްފަހު އެނބުރި ޤައުމަށް ވަޑައިގެންފައިވަނީ 1960ވަނަ އަހަރުގެ ތެރޭގައެވެ. އޭރު ޒިމްބާބުވޭއަކީ އިނގިރޭސިންގެ އިސްތިޢުމާރުގެ ދަށުގައި އޮތް ޤައުމަކަށްވާއިރު ރޮޑޭޝިޔާގެ ނަމުގައި އެ ޤައުމުގައި ވެރިކަން ކުރަމުންދިޔައީ ބައިމަދު ދޮން ނަސްލުގެ މީހުންނެވެ.

އެނބުރި ޤައުމަށް ވަޑައިގެންނެވި ގޮތަށް ސިޔާސީ ދާއިރާއާ ގުޅިވަޑައިގެން ދޮން ނަސްލުގެ މީހުންގެ ވެރިކަމާ ދެކޮޅަށް މުގާބޭ އަޑުއުފުލުމުގެ ނަތީޖާއަކަށްވީ 1964ވަނަ އަހަރު އެއްވެސް ޝަރީޢަތަކާނުލާ 10 އަހަރަށްވުރެ ގިނަ ދުވަހަށް ޖަލަށް ލުމަށް ދޮން ނަސްލުގެ ސަރުކާރުން ޙުކުމްކުރުމެވެ. މިގޮތަށް ޖަލުގައި އެތައް އަހަރެއް މުގާބޭ ހޭދަކުރެއްވިއިރު، 1973ވަނަ އަހަރު އުފެއްދި ޒިމްބާބުވޭ އެފްރިކަން ނޭޝަނަލް ޔޫނިއަންގެ ރައީސްކަމުގެ މަޤާމަށް އޭނާ ޢައްޔަނުކުރެއްވީވެސް ޖަލުގައިހުންނަވަނިކޮށެވެ. އެއަށްފަހު، ޖަލުން މިނިވަންވެވަޑައިގަތުމަށްފަހު މުގާބޭ ދެން ވަޑައިގެންނެވީ މޮޒަމްބީކަށެވެ. އަދި އެ ޤައުމުގައި ހުންނަވާ ރޮޑޭޝިޔާގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރުމަށް ހަނގުރާމަވެރިން އެއްކޮށް ޙަމަލާދޭން ފެށިއެވެ.

މިގޮތަށް އެތައް އަހަރަކު ދިން ޙަމަލާތަކަށްފަހު ރޮޑޭޝީޔާގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ ދެމެދު ބޭއްވި ސުލްޙައިގެ މަޝްވަރާތަކުގެ ނަތީޖާއަކަށްވީ 1980ވަނަ އަހަރު އެ ޤައުމު އިނގިރޭސިންގެ އިސްތިޢުމާރުގެ ދަށުން މިނިވަންވެ، ޒިމްބާބުވޭގެ ނަމުގައި ޤައުމެއް އުފެދިގެން ދިޔުމެވެ. މިނިވަންކަމަށްފަހު އެ ޤައުމުގައި އެންމެ ފުރަތަމަ ބޭއްވި އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކުރައްވާ ޒިމްބާބުވޭގެ ބާނީގެ ގޮތުގައި ސިފަކުރާ މުގާބޭ ބޮޑުވަޒީރުގެ މަޤާމާ ހަވާލުވެވަޑައިގަތެވެ. އޭނާ ވެގެންދިޔައީ އެ ޤައުމު ދުށް ކަޅު ނަސްލުގެ ފުރަތަމަ ބޮޑުވަޒީރަށެވެ.

މުގާބޭގެ ވެރިކަމުގެ ފުރަތަމަ އަހަރުތަކުގައި ޒިމްބާބުވޭގައި އުފެދިފައި އޮތް ނަސްލީ ތަފާތުކުރުންތައް ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އެގޮތުން އެތައް އަހަރެއްވަންދެން އެކަހެރިކޮށްފައި ތިބި ކަޅު ނަސްލުގެ ރައްޔިތުންނަށް ތަޢުލީމީ ފުރުޞަތުތަކާ އެކަށީގެންވާ ސިއްޙީ ފަރުވާ ހޯދުމުގެ ހައްޤުތައް މުގާބޭ އެމީހުންނަށް ހޯއްދަވައިދެއްވިއެވެ. މީގެ އިތުރުން ޒިމްބާބުވޭގެ އިޤްތިޞާދަށް ލިބެމުންދިޔަ ކުރިއެރުންތަކާއެކު އެ ޤައުމުގައި ގިނަ ޢަދަދެއްގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައްވެސް އޭރުގެ ސަރުކާރުން ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދިޔައެވެ.

ޒިމްބާބުވޭގެ މިނިވަންކަމުގެ ބާނީ މުގާބޭގެ ސިޔާސަތުތަކުގެ ކުލަވަރު ބަދަލުވެގެންދިޔައީ އޭނާގެ ވެރިކަމާ ދެކޮޅަށް ކަޅު ނަސްލުގެ އެހެން ފަރާތްތަކުން ތެދުވާން ފެށުމުންނެވެ. އެގޮތުން، 1980ގެ މެދުތެރޭގައި އެ ޤައުމުގެ ހުޅަނގުގެ ސަރަޙައްދުތަކުގައި މުޒާހަރާކޮށް ބަޣާވަތްކުރަން މަސައްކަތްކުރި ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅާ މުގާބޭވަނީ އެ ސަރަޙައްދަށް އަސްކަރީ ފައުޖުތައް ފޮނުވާފައެވެ. މިކަމުގެ ސަބަބުން މުގާބޭގެ ސަރުކާރުން ހަނގުރާމައިގެ ޖިނާޢީ ކުށްތައް ހިންގާފައިވާކަމުގެ ތުޙުމަތުތައްކޮށް، އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނެފައިވަނީ މި ހަމަނުޖެހުންތަކުގައި 20،000 މީހުންގެ ފުރާނަ ގެއްލުނު ކަމަށެވެ.

ބޮޑުވަޒީރު ކަމުގައި ދެ ދައުރު ފުރިހަމަ ކުރެއްވުމަށްފަހު މުގާބޭ ދެން ބޭނުންވެވަޑައިގެންނެވީ ވެރިކަމުގެ އިތުރު ބާރު ހޯއްދެވުމަށެވެ. އެގޮތުން، 1987ވަނަ އަހަރު ޤާނޫނު އަސާސީއަށް ބަދަލުގެންނަވާ ވެރިކަމުގެ ސިޔާސަތަށް އިސްލާޙު ގެންނެވިއެވެ. އަދި ރިޔާސީ ނިޒާމެއްގެ ދަށުން އެ ޤައުމުގެ ރައީސްކަމުގެ މަޤާމާ އޭނާ ޙަވާލުވެވަޑައިގަތެވެ.

އޭގެ ފަހުން 37 އަހަރު ޒިމްބާބުވޭގައި މުގާބޭ ވެރިކަންކުރެއްވީ ހުދުމުޚުތާރު ހަރުކަށި ސިޔާސަތުތަކެއްގެ ދަށުންނެވެ. އެއާއެކު 2000ވަނަ އަހަރު އެ ޤައުމުގައި ނެގި ފެންނަ ނުފެންނަ ވޯޓެއްގައި މުގާބޭއަށް ލިބިވަޑައިގެން ނާކާމިޔާބީގެ ޒިންމާ ދޮން ނަސްލުގެ މީހުންގެ ބޮލުގައި އޭނާ އެޅުވިއިރު، އެ ޤައުމުގައި އަނެއްކާވެސް ކަޅު ނަސްލުގެ މީހުންނާއި ދޮން ނަސްލުގެ މީހުންނާއި ދެމެދު ހިނގާ ހަމަނުޖެހުންތައް އިތުރުވެގެންދިޔައެވެ. އެކަމުގެ ސަބަބުން އުފެދުނު ނުތަނަވަސްކަމުގައި ޒިމްބާބުވޭގެ އިޤްތިޞާދަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި 2000ވަނަ އަހަރުން 2008ވަނަ އަހަރަށް އެ ޤައުމުގެ އިޤްތިޞާދު ވަޅުގަނޑަކަށް ވެއްޓި ވަޒީފާއެއްނެތި އުޅެމުންދާ މީހުންގެ ޢަދަދު 80% އުފުލިގެން ދިޔައެވެ.

މުގާބޭގެ ވެރިކަމާ ދެކޮޅަށް ޒިމްބާބުވޭގައި މަސައްކަތްކުރި ފަރާތްތަކާ ދެކޮޅަށް އޭނާ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާއިރު، އިދިކޮޅު ފަރާތްތަކުގެ އިންސާނީ ޙައްޤުތައް ނިގުޅައިގަތުމުގެ ތުޙުމަތުތަކެއް ބައިނަލްއަޤުވާމީ ފަރާތްތަކުން އޭނާއާ ދެކޮޅަށް ކުރިއެވެ. ހަމައެއާއެކު، ސިޔާސީ ގޮތުން އިންތިޚާބުތަކުގައި އޭނާއަށް ލިބެމުންދިޔަ ނާކާމިޔާބީތަކަށްވެސް މުގާބޭ ދެމުންދިޔައީ ބީރު ކަންފަތެކެވެ. ބަދަލުގައި އިދިކޮޅު ފަރާތްތަކާ ދެކޮޅަށް އަސްކަރީ ފިޔަވަޅުތައް އޭނާ އަޅަމުން ދިޔައެވެ. ގިނަބަޔަކު ސިފަކުރާގޮތުގައި 37 އަހަރު ވެރިކަމުގައި މުގާބޭ ދެމިހުންނެވީ ގޮށްމުށުގެ ބާރުންނެވެ.

2017ވަނަ އަހަރު ޒިމްބާބުވޭގެ އަސްކަރިއްޔާއިން ގެނައި ބަޣާވަތަށްފަހު ރޮބާޓް މުގާބޭގެ ދުވަސްވީ ހަރުކަށި ވެރިކަން ނިމުމަކަށް ގެނައެވެ. އިސްތިޢުފާދެއްވަން މަޖުބޫރުވެވަޑައިގެން މަޤާމުން އިސްތިޢުފާދެއްވިއިރު، މުގާބޭއަކީ އޭރު ޤައުމެއްގައި ވެރިކަމެއް ކުރައްވަމުން ގެންދެވި އެންމެ ދޮށީ ލީޑަރެވެ.

ޒިމްބާބުވޭގެ ބާނީކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ އެ ޤައުމުގެ ކުރީގެ ރައީސް މުގާބޭ އަވަހާރަވެފައިވަނީ ވެރިކަމުން ދުރުވެވަޑައިގަތްތާ 2 އަހަރު ފަހުން އުމުރުފުޅުން 95 އަހަރުގައި ސިންގަޕޫރުގެ ހޮސްޕިޓަލެއްގައި ސިއްޙީ ފަރުވާ ހޯއްދަވަމުންދަނިކޮށެވެ.

އެންމެ ބާރުގަދަ އިސްތިޢުމާރީ ބާރުގެ އަތްދަށުން ޒިންބާބްވޭއަށް މިނިވަންކަން ހޯއްދަވާދެއްވި މުގާބޭ ގިނަ ބަޔަކު ހަނދާން ކުރާނީ އާރާ، ބާރުގައި ޖެހިވަޑައިގެން، ޚުދުމުޚުތާރު ސިފަތަކަކަށް އެނބުރިވަޑައިގެންނެވި ވެރިއެއްގެ ގޮތުގައެވެ.