ޚަބަރު

ކާބުލްގައި ދެވުނު ބޮމުގެ ޙަމަލާއެއްގައި 10 މީހުން މަރުވެއްޖެ


އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ދިން ބޮމުގެ ޙަމަލާއެއްގައި 10 މީހުން މަރުވެ 40ހަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.

މި ބޮމުގެ ޙަމަލާ ދީފައިވަނީ ކާބުލްގައި ހުންނަ ނޭޓޯ ސިފައިންގެ މައި މަރުކަޒާއި އެމެރިކާ އެންބަސީ ކައިރީގައެވެ. ބޮން ގޮއްވާލުމުގެ ސަބަބުން އެ ހިސާބުގައި ހުރި ކާރުތަކާއި ފިހާރަތަކަށްވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.

މި ޙަމަލާގެ ޒިންމާ ޠާލިބާނުންވަނީ އުފުލާފައެވެ. ޙަމަލާ ދީފައިވަނީ ގިނަ ޢަދަދެއްގެ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުމުގެ މަޝްވަރާތައް ޠާލިބާނުންނާ ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެމެރިކާގެ ހުރިހާ ސިފައިން އަފްޣާނިސްތާނުން ބާލާ ނިމެންދެން އެ ޤައުމުގައި ތިބި އެމެރިކާ ސިފައިންނަށް ޙަމަލާނުދޭނެކަމަށް ޠާލިބާނުން ބުނިކަމުގައިވިޔަސް މި ޙަމަލާގެ ސަބަބުން މަޝްވަރާތަކަށް ބުރޫއަރާނެކަމަށް ބެލެވެއެވެ.