ޑިޕްލޮމެޓިކް މަޝްވަރާތަކުން ޙައްލެއް ނުލިބިއްޖެނަމަ އީރާނާއި ޔޫރަޕުގެ ޤައުމުތަކުން 2015ގައި ވެފައިވާ ނިއުކްލިއަރ މުޢާޙަދާއާއި އަދިވެސް ޚިލާފުވާނޭކަމަށް އިންޒާރުދެމުން، މި އެއްބަސްވުން ދެމެހެއްޓުމަށް އީރާނުގެ ރައީސް ޙަސަން ރޫޙާނީ ޔޫރަޕުގެ ޤައުމުތަކަށް ދެމަސްދުވަހުގެ މުހުލަތެއް ދެއްވައިފިއެވެ.
ރޫޙާނީގެ އިންޒާރުގައިވަނީ އެމެރިކާއިން އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުގެ އަސަރުތަކުން އީރާނަށް ލިބޭގެއްލުންތަކުން ސަލާމަތްވުމަށް ފްރާންސާއި މި މުޢާޙަދާގެ ޔޫރަޕުގެ އެހެން ބައިވެރިންގެ ފަރާތުން ސެޕްޓެމްބަރު 5ވަނަ ދުވަހުގެ ނިޔަލަށް އިތުރު މަސައްކަތްތައް ނުކުރާނަމަ މުޢާޙަދާގެ އިތުރު މާއްދާތަކާއި ޚިލާފުވާނޭ ކަމަށެވެ. ރޫޙާނީގެ އިންޒާރު މިއައީ ކުރީގެ އެއްބަސްވުމަށް ފުރިހަމައަށް ރުޖޫޢަވުމަށްއެދި ފްރާންސުން އީރާނަށް 15 ބިލިއަން ޑޮލަރުގެ މާލީ އެހީ ދިނުމުން އީރާނުން އެކަމަށް ފިނި މަރުޙަބާއެއް ކިޔާފައިވަނިކޮށެވެ. ރޫޙާނީ ވިދާޅުވެފައިވަނީ ޔޫރަޕުގެ ޤައުމުތަކާއެކު ކުރެވޭ މަޝްވަރާތައް ކުރިއަށްދާކަމަށާއި މިއާއެކު އެ ސަރަޙައްދުގައި ކުރިއްސުރެ ހުޅަނގާއި އީރާނާއި ދެމެދު ހޫނުވެފައިވާ ޑިޕްލޮމެޓިކް ހަމަނުޖެހުން ވަގުތީގޮތުން ނަމަވެސް މަޑުޖެހި، އުފެދިފައިވާ ނުތަނަވަސްކަން މަޑުޖެހިގެން ދާނެކަމުގެ އުއްމީދު އާވެފައިވާކަމަށެވެ.
ދުނިޔޭގެ ގަދަބާރުތަކުން އެތައް އަހަރެއްވަންދެން އީރާނާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލީ 2015ވަނަ އަހަރު އީރާނުން ޔުރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތް މަޑުޖައްސާލުމަށް އެއްބަސްވުމުންނެވެ. އެހެންނަމަވެސް، ޔުރޭނިއަމް ފައްކާކުރުމުގެ މަސައްކަތް އެމެރިކާއިން އެދޭމިންވަރަށް ނުހުއްޓާކަމަށްބުނެ، އެމެރިކާއިން މިދިޔައަހަރުވަނީ މި އެއްބަސްވުމުން ވަކިވެ ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އިޔާދަކޮށްފައެވެ.
މިކަމާ ގުޅިގެން އީރާނުންވަނީ މި އެއްބަސްވުމުގެ ބައެއް މާއްދާތަކާއި ޚިލާފުވެފައެވެ. އެހެންނަމަވެސް އީރާނުން ބުނެފައިވަނީ އެ ޤައުމުން އަދިވެސް މި މުޢާހަދާ ދެމިއޮންނަން ބޭނުންވާކަމަށެވެ.