ޚަބަރު

ނިއުކްލިޔަރ ހަތިޔާރުގެ ބާރު ހޯދުމަށް ތުރުކީވިލާތަށް މަނާކުރުން ބަލައިނުގަނެވޭނެ: އުރުދުޣާން


ދުނިޔޭގައި ނިއުކްލިޔަރ ހަތިޔާރުގެ ބާރު އޮތް ޤައުމުތަކުން މި ބާރު ހޯދުމަށް ތުރުކީވިލާތަށް މަނާކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށް ތުރުކީވިލާތުގެ ރައީސް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

ތުރުކީވިލާތުގެ އިރުމަތީގެ ރަށެއް ކަމަށްވާ ސިވާސްގެ ވެރިކަން ކުރާ އޭ.ކޭ ޕާޓީގެ މެމްބަރުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ތުރުކީވިލާތުގެ ރައީސް ތައްޔިބު އުރުދުޣާން ވިދާޅުވީ ބައެއް ޤައުމުތަކަށް ނިއުކްލިޔަރ ހަތިޔާރު ހިފައިގެން ދަތުރުކުރުމުގެ ޤާބިލްކަން ލިބިފައިވާ މިސައިލްތައް އެބަހުރިކަމަށާ މިފަދަ ޤައުމުތަކުންނާއި ތުރުކީވިލާތުންވެސް މި ހަތިޔާރު ހޯދުމަށް މަނާކުރަމުންދާކަމަށެވެ. އަދި މިކަމަކީ އެއްވެސް ޙާލެއްގައި ޤަބޫލުކުރެވޭނެކަމެއް ނޫންކަމަށް ތުރުކީވިލާތުގެ ރައީސް ވިދާޅުވިއެވެ.

އުރުދުޣާން ވިދާޅުވީ ތަރައްޤީވެފައިވާ ގިނަ ޤައުމުތަކުގައި ނިއުކްލިޔަރ ހަތިޔާރު އެބަހުރިކަމަށާ މިފަދަ ޤައުމުތަކަށް އިތުރު ރައްކާތެރިކަން ލިބިގެންދާކަމަށެވެ. އަދި މީގެ ތެރެއިން އެއް ޤައުމަކީ އިސްރާއީލުކަމަށާ މިފަދަ ރައްކާތެރިކަމެއް ތުރުކީވިލާތުންވެސް ހޯދަން ބޭނުންވާކަމަށެވެ. އެހެންނަމަވެސް ތުރުކީވިލާތުން ނިއުކްލިޔަރ ހަތިޔާރު ހޯދުމަށް ޢަމަލީ ގޮތުން މަސައްކަތްކުރާނެތޯ އެ ޤައުމުގެ ރައީސް ވިދާޅުވެފައެއްނުވެއެވެ.

ނިއުކްލިޔަރ ހަތިޔާރު ގެންގުޅުން މަނާކުރާ ބައިނަލްއަޤްވާމީ މުޢާހަދާގައި ތުރުކީވިލާތުންވަނީ 1980ވަނަ އަހަރު ބައިވެރިވެފައެވެ. އަދި އެއްވެސް ޒާތެއްގެ ނިއުކްލިޔަރ ގޮވުންތައް ގޮއްވުން މަނާކުރާ ބައިނަލްއަޤުވާމީ މުޢާހަދާގައ ވެސް އެ ޤައުމުން ބައިވެރިވެފައިވާއިރު މި މުޢާހަދާގައި އެ ޤައުމުން ބައިވެރިވީ 1996ވަނަ އަހަރެވެ.