ޚަބަރު

އޮސްޓްރޭލިޔާގެ ޚާރިޖީ ވަޒީރު ކޮކްޒް ބާޒާރުގައި ދިރިއުޅޭ ރޮހިންޔާ މުސްލިމުންނަށް ޒިޔާރަތެއް ކުރައްވައިފި


އޮސްޓްރޭލިޔާގެ ޚާރިޖީ ވަޒީރު މެރީސް ޕޭން ބަންގްލަދޭޝްއަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއްގައި ކޮކްޒް ބާޒާރުގައި ދިރިއުޅޭ ރޮހިންޔާ މުސްލިމުންނަށް ޒިޔާރަތެއް ކުރައްވައިފިއެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ރޮހިންޔާ މުސްލިމުންނާދެކޮޅު ހަރަކާތްތައް 2017ގައި ފެށިފަހުން މިހާތަނަށް 730،000އަށްވުރެ ގިނަ މީހުންވަނީ ރަކާން ސްޓޭޓް ދޫކޮށް ބަންގްލަދޭޝްއަށް ހިޖުރަކޮށްފައެވެ. އދއިން ބުނެފައިވަނީ މިޔަންމާގެ އަސްކަރިއްޔާއިން ރޮހިންޔާ މުސްލިމުން ނައްތާލުމަށް ހަމަލާދީފައިވާކަމަށާއި އިތުރު އަނިޔާތައް ތަޙައްމަލުކުރަން ޖެހިދާނެކަމުގެ ބިރަށް ރެފިއުޖީން އެނބުރި ދާންބޭނުންނުވާކަމަށެވެ.

އޮސްޓްރޭލިޔާގެ ޚާރިޖީ ވަޒީރު ޕޭން ވިދާޅުވީ ޚާރިޖީވަޒީރުގެ ޙައިސިއްޔަތުން، މި ކޭންޕުތަކުގައި ދިރިއުޅޭ މީހުންގެ ޙާލަތު ގާތުން ވަޒަންކޮށް، މިތަނުގެ ޙާލަތު ދެނެގަނެ، ބަންގްލަދޭޝްއިން ބޭރުކުރެވިފައިވާ އެތަކެއް މީހުންނަށް ވަޒަންވެރިކަންދީ، އެޖެންސީތަކުން ކުރާ މަސައްކަތް ގާތުން ވަޒަންކޮށްލަން ލިބުނުކަމީ ވަރަށް ރަނގަޅު ފުރުޞަތެއްކަމަށް.
ޕޭންވަނީ އިންސާނިއްޔަތައްޓަކައި އެތަކެއް އޭޖެންސީތަކުންނާއި ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ޕޭން ވިދާޅުވީ މިދަތުރުގެ އެއް މަޤުޞަދަކީ އެ ކޭމްޕްގައި ދިރިއުޅޭ މީހުން އެމީހުންގެ ވަޒަނަށް އެނބުރިދިއުމަށް ކުރެވެމުންދާ މަސައްކަތްތައް ދެނެގަތުމާއި، ބަންގްލަދޭޝްގެ ސަރުކާރާއި މަޝްވަރާކުރުމާއި، އަދި އެ ތަނުގައި ކޭމްޕްތަކުގައި ދިރިއުޅޭ މީހުންނާ ބައްދަލުކުރުންކަމަށެވެ.

އޮސްޓްރޭލިޔާގެ ޚާރިޖީ ވުޒާރާގެ ވެބްސައިޓްގައިވާގޮތުން މި ދަތުރަކީ އޮސްޓްރޭލިޔާގެ ބޮޑުވަޒީރަކު 1998ގެ ފަހުން ބަންގްލަދޭޝްއަށް ކުރާ ފުރަތަމަދަތުރެވެ. ޕޭންގެ މި ދަތުރުފުޅުގައި ބަންގްލަދޭޝް ސަރުކާރުގެ އިސްވެރިންނާއި، އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަންއާއި ބައްދަލުކުރަމަށްވަނީ ހަމަޖެހިފައެވެ.