ޚަބަރު

ރައީސުލްޖުމްހޫރިއްޔާ މިލަދޫއާއި ކުޑަފަރީއަށް


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީގެ ދެރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި އެ އަތޮޅު މިލަދުއަށް ވަޑައިގެންފިއެވެ.

ރައީސް މިލަދުއަށް ވަޑައިގެންނެވުމުން އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ މިލަދޫ ހިދާޔާ ސްކޫލުގެ ރަންޔޫބީލް ހަނދާނީ ބިނާ ހުޅުއްވައިދެއްވާފައެވެ. އަދި މިދަތުރުފުޅުގައި މިލަދޫ ހިދާޔާ ސްކޫލަށް 50 އަހަރުފުރޭ ރަންޔޫބީލް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މިލަދޫ ކައުންސިލާއި އެރަށުގެ މުޢައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ. މީގެ އިތުރުން އެ އަތޮޅު މަގޫދޫ ކައުންސިލާ ބައްދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުން އޮންނާނީ މިލަދޫގައެވެ.

މިލަދުއަށްފަހު ރައީސުލްޖުމްހޫރިއްޔާ މިދަތުރުފުޅުގައި ދެން ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ނ. ކުޑަފަރިއަށެވެ. ކުޑަފަރީގައި އެރަށުގެ ކައުންސިލާއި މުޢައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ނ . އަތޮޅުގެ އަތޮޅު ކައުންސިލަރުންނާއި ވެސް ރައީސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.