ޚަބަރު

ފުކުޝީމާގެ ނިޔުކްލިޔަރ ޕްލާންޓްގެ މައްސަލަ ޖަޕާނުގެ ޑިޕްލޮމެޓުންނާ ޙިއްސާކޮށްފި


ޖަޕާނުގެ ޓޯކިޔޯ އިލެކްޓްރިކް ޕަވަރއިން ހިންގަމުންދިޔަ ފުކުޝީމާގެ ނިޔުކްލިޔަ ހަކަތަ އުފައްދާ އިންޖީނުގެއިން އުކާލަންޖެހިފައިވާ ފެނަށް ހަދާނެގޮތަކާއިމެދު ޖަޕާނު ސަރުކާރުގެ އޮފިޝަލުން އެ ޤައުމުގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓުންނަށް މަޢުލޫމާތުދީ މަޝްވަރާކޮށްފިއެވެ. ތަޣައްޔަރުވެފައިވާ އެ ފެން ކަނޑަށް އުކާލަފާނެކަމުގެ ބިރު މިހާރު ހީވެފައިވާތީ އެކަމުގެ ކަންބޮޑުވުންވަނީ އުފެދިފައެވެ.

މިދިޔަ އޮގަސްޓްމަހާ ހަމައަށް އައިއިރު ތަޣައްޔަރުވެގެން އުކާލަންޖެހިފައިވާ ފެނުގެ މިންވަރު އެއް މިލިޔަން ޓަނަށްވުރެ މައްޗަށްވަނީ ގޮސްފައެވެ. 2011ވަނަ އަހަރު ޖަޕާނަށް އެރި ޡުނާމީއާއި ގުޅިގެން ފުކުޝީމާގެ ނިޔުކްލިޔަ ރިއެކްޓަރވަނީ ހަލާކުވެފައެވެ.

ޓޯކިޔޯ އިލެކްޓްރިކް ކުންފުނިން އެ އިންޖީނުގޭގެ ވިރިފައިވާ އެތޭރޭގެ ތަންތަނަށް ފެންއަޅާ ފިނިކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ޓެޕްކޯ ކުންފުނިން ބުނާގޮތުގައި 2022ވަނަ އަހަރުގެ މެދާ ހަމައަށް އަންނައިރު ތަޣައްޔަރުވެފައިވާ ފެން ރައްކާކުރާނެ ޖާގައެއް އެ އިންޖީނުގޭގެ ޓޭންކްގައި ނުހުންނާނެއެވެ. މި މައްސަލައާއިގުޅޭ ޕެނަލް ބައްދަލުކޮށް މަޝްވަރާކުރުން އޮންނާނީ ކޮންއިރަކުންތޯ ޑިޕްލޮމެޓަކާއި ސުވާލުކުރުމުން އޭނާ ބުނެފައިވަނީ ދުވަހަކާއި ވަގުތެއް އަދި ހަމަނުޖެހޭކަމަށެވެ.

ޖަޕާނުގައި ތިބި 22 ޤައުމެއްގެ ޑިޕްލޮމެޓުންނާއި އެންބަސީ އޮފިޝަލުންނަށް މި މައްސަލައާއި ބެހޭ މަޢުލޫމާތުވަނީ ފޯރުކޮށްދީފައެވެ.