ތޫނިސްގެ ރިޔާސީ ކެނޑިޑޭޓެއްކަމަށްވާ ނަބީލް ޤަރުއީ މިނިވަންކުރަން ތޫނިސްގެ އިސްތިޢުނާފު ކޯޓަކުން ދެކޮޅުހެދުމުން އޭނާއަށް ސަޕޯޓްކުރާ އެތައްބަޔަކު އެކަމާދެކޮޅަށް މުޒާހަރާކޮށްފިއެވެ.
މުޒާހަރާކުރީ މީހުން ޤަރުއީ މިނިވަންކުރުމަށް ގޮވާލަމުން ދިޔައިރު އޭނާގެ ދިފާޢީ ވަކީލު ކަމާލް ބިން މަސްއޫދު ވިދާޅުވީ ޤަރުއީ މިނިވަންކޮށްދިނުމަށްއެދި ހުށަހެޅި ހުށަހެޅުމަށް އިސްތިޢުނާފް ކޯޓުން ދެކޮޅު ހަދާފައިވާކަމަށެވެ. ޓެކްސްއަށް މަކަރު ހެދުމާއި މަނީ ލޯންޑްރިންގެ މައްސަލައިގައި މީގެ ދެ ހަފުތާކުރިން ޤަރުއީ ހައްޔަރުކޮށްފައިވާއިރު ޤަރުއީވަނީ ޤާނޫނާ ޚިލާފު އެއްވެސް ޢަމަލެއް ހިންގާފައިނުވާނެކަމަށް ވިދާޅުވެފައެވެ.
ތޫނިސްގެ ރިޔާސީ ރޭހުގައި ސައްބީސް ކެންޑިޑޭޓުން ވާދަކުރައްވާއިރު ޤަރުއީއަކީ އޭގެތެރޭގައި ހިމެނޭ މުއްސަނދި އަދި ނުފޫޒުގަދަ ކެނޑިޑޭޓެކެވެ.
ޤަރުއީ ރިޔާސީ މެނިފެސްޓޯ މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ ތޫނިސްއިން ފަޤީރުކަން ނައްތާލުމާއި ތޫނިސްއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ މައްސަލަތައް ޙައްލުކުރުމުގެ މައްޗަށެވެ. ވިޔަފާރިވެރިއެއްކަމަށްވާ ޤަރުއީވަނީ ފަޤީރުން އެހީވުމަށްޓަކައި 2017ވަނަ އަހަރު ޗެރިޓީ ޖަމުޢިއްޔާއެއްވެސް އުފައްދަވާފައެވެ. ނަމަވެސް ޤަރުއީގެ ސިޔާސީ ވާދަވެރިންވަނީ އެއީ އޭނާގެ ސިޔާސީ މަޤްސަދުތައް ޙާޞިލް ކުރެއްވުމަށްޓަކައި އުފެއްދެވި ޖަމުޢިއްޔާއެއްކަމަށް ތުޙުމަތުކޮށްފައެވެ.
ތޫނިސްގެ ރިޔާސީ ކޭންޕެއިން ފަށައި، މި މަހުގެ 15ވަނަ ދުވަހު ރިޔާސީ އިންތިޚާބުގައި ވޯޓުލާން ހަމަޖެހިފައިވާއިރު ޤަރުއީ ހައްޔަރުކޮށްފައި ބަހައްޓާތީ އޭނާގެ ސަޕޯޓަރުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.