ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިކުރުމުގައި އެއްބަސްވުމަކާނުލާ އެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިކުރުން ހުއްޓުވުމަށްޓަކައި މިކަމާ ގުޅޭ އިސްލާޙެއް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުން ފާސްކޮށްފިއެވެ. މިއާއެކު އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޯރިސް ޖޯންސަން މިވަނީ އެ ޤައުމުގައި އަވަސް އިންތިޚާބެއް ބޭއްވުމަށް މަސައްކަތްތައް ކުރައްވާނެކަން އިޢުލާނުކުރައްވާފައެވެ.
ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިކުރުމަށް އެ އިއްތިޙާދުން އެންމެ ފަހުން ކަނޑައަޅާފައިވާ މުހުލަތު އަންނަ އޮކްޓޯބަރު މަހުގެ 31ވަނަ ދުވަހަށް ހަމަވާއިރު މިކަމުގައި ދެފަރާތުން އެއްބަސްވުމެއް ޤާއިމުކުރެވޭނެ ކަމާމެދު އުފެދިފައިވާ ސުވާލުތައް މިހާރު މިވަނީ އިތުރުވެފައެވެ. ޚާއްސަ ގޮތެއްގައި ބޮޑުވަޒީރުކަމާ އަލަށް ޙަވާލުވެވަޑައިގެން ބޯރިސް ޖޯންސަން މިހާތަނަށް ދައްކަވާފައިވާ ވާހަކަތަކުގެ ސަބަބުން މިކަމުގައި އެއްބަސްވުމެއް ޤާއިމުކުރެވޭނެ ކަމުގެ އުއްމީދުދަނީ ފަނޑުވަމުންނެވެ.
ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޖޯންސަން އެންމެ ފުރަތަމަވެސް ވިދާޅުވެފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 31ވަނަ ދުވަހުގެ ކުރިން އިނގިރޭސިވިލާތް ވިލާތުގެ އިއްތިޙާދުން ވަކިކުރާނެކަމަށާ މިކަމުގައި އެ ޤައުމާއެކު އަލުން މަޝްވަރާތައް ކުރުމަށް ވިލާތުގެ އިއްތިހާދަށް ގޮވާލާކަމަށެވެ. އަދި ވިލާތުގެ އިއްތިޙާދުން މި މަޝްވަރާތަކުގައި ބައިވެރިވުމަށް ދެކޮޅުހަދާނަމަ އެއްބަސްވުމަކާނުލާވެސް ވިލާތުގެ އިއްތިޙާދުން ވަކިވުމަށް އިނގިރޭސިވިލާތުން ތައްޔާރަަށް އޮތްކަމަށް ޖޯންސަން ވިދާޅުވިއެވެ.
އެއްބަސްވުމަކާ ނުލާ އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިކުރުމަށް އެގައުމުގެ އިދިކޮޅު ފަރާތްތަކުގެ އިތުރުން ސަރުކާރަށް ނިސްބަތްވާ ކޮންސަވޭޓިވް ޕާޓީގެ ބައެއް މެމްބަރުންވެސް ދެކޮޅު ހަދާފައިވާއިރު އަންގާރަ ދުވަހު ޤާނޫނު ހަދާ މަޖިލީހުގެ ތެރޭގައި މިވަނީ މިކަމާ ބެހޭ ގޮތުން މުހިއްމު ނިންމުމެއް ނިންމާފައެވެ. މިގޮތުން، އިދިކޮޅު ފަރާތްތަކާ ކޮންސަވޭޓިވް ސަރުކާރުގައި ޖޯންސަންގެ ވިސްނުމާ ޚިޔާލު ތަފާތުވާ ފަރާތްތަކުން އަންގާރަ ދުވަހު ޤާނޫނު ހަދާ މަޖިލީހަށް ހުށަހެޅި ޤަރާރުގައިވަނީ އިނގިރޭސިވިލާތް ވިލާތުގެ އިއްތިޙާދުން ވަކިވުމުގެ ކަންކަމުގައި އެންމެ ފަހުން ނިންމުން ނިންމުމުގެ ބާރު އިނގިރޭސި ޤާނޫނު ހަދާ މަޖިލީހަށް ލިބިގެންދާނެކަމަށް ބުނެފައިވެއެވެ. އަންގާރަ ދުވަހު މި ޤަރާރާ ބެހޭގޮތުން ނެގި ވޯޓުގައި މި ޤަރާރުވަނީ ފާސްވެފައެވެ.
އިނގިރޭސިވިލާތުގެ ވެރިކަންކުރާ ކޮންސަވޭޓިވް ޕާޓީއިން ބުނެފައިވަނީ މި ޤަރާރުގައި ސަރުކާރާ ދެކޮޅަށް ވޯޓު ދެއްވި ކޮންސަވޭޓިވް ޕާޓީގެ މެމްބަރުން ޕާޓީއިން ވަކިކުރާނެ ކަމަށެވެ.. މި ޤަރާރު ފާސްކޮށްގެން އިދިކޮޅު ފަރާތްތަކަށް ލިބުނު ކާމިޔާބީއަކީ އެއްބަސްވުމަކާނުލާ ވިލާތުގެ އިއްތިހާދުން އިނގިރޭސިވިލާތް ވަކިވުން ހުއްޓުވުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ ފެށުން ކަމަށް ތަޖުރިބާކާރުން ސިފަކުރެއެވެ. މި ގޮތުން، ބުދަ ދުވަހު އިދިކޮޅު ފަރާތްތަކުން ވިލާތުގެ އިއްތިހާދުން މިހާރު ވަކިވުމަށް ކަނޑައަޅާފައިވާ މުހުލަތު އަނެއްކާވެސް ފަސްކުރުމަށް ޖޯންސަންގެ ސަރުކާރުން ވިލާތުގެ އިއްތިހާދުގައި އެދެން މަޖްބޫރު ކުރާ ފަދަ ޤަރާރެއް ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅާނެކަމަށް ބެލެވެއެވެ.
މިދަނޑިވަޅުގައި، އަންގާރަ ދުވަހުގެ ޤަރާރާ އެކު ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހު އެގައުމުގައި އަވަސް އިންތިޚާބެއް ބާއްވާނެ ކަން ބޮޑު ވަޒީރު ޖޯންސަން މިވަނީ ކަށަވަރުކޮށްދީފައެވެ. ޤާނޫނުހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޖޯންސަން ވިދާޅުވީ ސަރުކާރުން އެއްވެސް ޙާލެއްގައި އިންތިޚާބެއް ބޭނުންނުވާކަމަށާ އެހެންނަމަވެސް ޤާނޫނުހަދާ މަޖިލީހުން އިނގިރޭސިވިލާތް ވިލާތުގެ އިއްތިޙާދުން ވަކިވުން ފަސްކޮށްފިނަމަ ސަރުކާރަށް މި ނޫން ގޮތެއް ނެތްކަމަށެވެ.