އީރާނުގެ ނިއުކްލިޔަރ މައްސަލައިގައި 2015ވަނަ އަހަރު ޤާއިމުކުރި އެއްބަސްވުމާ އީރާނުން ފުރިހަމައަށް ކިޔަމަންވާނަމަ އެ ޤައުމަށް މިއަހަރު ނިމެންދެން ފަނަރަ ބިލިއަން ޑޮލަރުގެ މާލީ އެހީތައްދޭން ފަރަންސޭސިވިލާތުން ހުށަހަޅައިފިއެވެ. ފަރަންސޭސިވިލާތުން މިގޮތަށް ހުށަހަޅާފައިވަނީ 2015ވަނަ އަހަރުގެ ނިއުކްލިޔަރ އެއްބަސްވުން ސަލާމަތް ކުރުމަށް ވިލާތުގެ ބާރުތަކުން މި ހަފުތާގެ ބުރާސްފަތި ދުވަހުގެ ކުރިން އެކަށިގެންވާ ފިޔަވަޅުތައް ނާޅައިފިނަމަ އީރާނުން މި އެއްބަސްވުމާ ޚިލާފަށް އިތުރު މަސައްކަތްކުރާނެކަމުގެ އިންޒާރު އީރާނުން ދީފައިވާ ދަނޑިވަޅެއްގައެވެ.
މިކަމާ ގުޅޭ މަޝްވަރާތައްކުރުމަށް ފަރަންސޭސިވިލާތުގައި އެ ޤައުމުގެ އޮފިޝަލުންނާ އީރާނުގެ އޮފިޝަލުންނާ ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު ފަރަންސޭސިވިލާތުގެ ޚާރިޖީ ވަޒީރު ޖޯން އީވް ލުދްރިޔޯން ވިދާޅުވީ ފަރަންސޭސިވިލާތަށް 15 ބިލިއަން ޑޮލަރުގެ މާލީ އެހީތައް ދިނުމާ ގުޅޭގޮތުން ކުރިއަށްގެންދާ ވާހަކަތައް އަދި ނުނިމޭކަމަށާ މިކަން ހަޤީޤަތަކަށްވާނީ އެމެރިކާއިން މިކަމަށް ރުހުން ދިނުމުންކަމަށެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ލުދްރިޔާން ވިދާޅުވީ އީރާނަށް މި އެހީތައް ދޭން ހުށަހަޅާފައިވަނީ އެ ޤައުމުން ތެޔޮ ވިއްކައިގެން ލިބޭ އާމްދަނީ ގެރެންޓީއަކަށް ބަލައިގެންކަމަށާއި އޭގެ ބަދަލުގައި އީރާނުން ދެކަމެއް ކުރަން ޖެހޭކަމަށެވެ. މިގޮތުން ފުރަތަމަ ކަމަކީ 2015ވަނަ އަހަރުގެ އެއްބަސްވުމަށް ފުރިހަމައަށް ކިޔަމަންވުންކަމަށާ ދެވަނަ ކަމަކީ ގަލްފް ސަރަޙައްދުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުންކަމަށްވެސް ފަރަންސޭސިވިލާތުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. އެހެންނަމަވެސް މިކަންކަން މިގޮތަށް ވެގެންދާނީ އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކޮށްގެންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
2015ވަނަ އަހަރު އީރާނުން ދުނިޔޭގެ 6 ބާރު ކަމަށްވާ އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، ޗައިނާ އަދި ރަޝިޔާއާއެކު ޤާއިމުކުރި ނިއުކްލިޔަރ އެއްބަސްވުމުން 2018ވަނަ އަހަރު އެމެރިކާވަނީ ވަކިވެ، އީރާނާ ދެކޮޅަށް ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. މިކަމުގެ ސަބަބުން އީރާނުންވަނީ 2015ވަނަ އަހަރުގެ އެއްބަސްވުމުގެ ބައެއް ބައިތަކަށް ޢަމަލުކުރުން ހުއްޓާލާފައެވެ.