ޚަބަރު

އެއްބަސްވުމަކާނުލާ އިނގިރޭސިވިލާތް ވިލާތުގެ އިއްތިޙާދުން ވަކިވެއްޖެނަމަ އެ ޤައުމަށް ވިޔަފާރީގެ ގެއްލުން ބޮޑު: އދ


މި އަންނަ އޮކްޓޯބަރު މަހުގެ 31ވަނަ ދުވަހުގެ ކުރިން ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިކުރުމަށް އެ ޤައުމުގެ ސަރުކާރުން މަސައްކަތްތައް ކުރަމުންދާއިރު މިކަމުގައި އެއްބަސްވުމަކާނުލާ އިނގިރޭސިވިލާތް އެ އިއްތިޙާދުން ވަކިވެއްޖެނަމަ އެ ޤައުމަށް ވިޔަފާރީގެ ގެއްލުމުގެ ގޮތުގައި 16 ބިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެކަމަށް އދގެ ވިޔަފާރިއާބެހޭ އިދާރާއިން ބުނެފިއެވެ.

ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިކުރުމަށް ކަނޑައަޅާފައިވާ މުހުލަތު ހަމަވުމަށް ފަސް ދޮޅަސް ދުވަހަށް ވެފައިވާއިރު ޖޯންސަން މީގެ ކުރިން ވިދާޅުވެފައިވަނީ މިކަމުގައި ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތާއެކު އަލުން އެއްބަސްވުމެއް ޤާއިމުކުރުމަށް ދެކޮޅު ހަދާނަމަ އޮކްޓޯބަރު މަހުގެ 31ވަނަ ދުވަހު އެއްބަސްވުމަކާނުލާވެސް އިނގިރޭސިވިލާތް ވިލާތުގެ އިއްތިޙާދުން ވަކިކުރާނެކަމަށެވެ. އެހެންނަމަވެސް އިނގިރޭސިވިލާތުގެ އިދިކޮޅު ފަރާތްތަކުންވަނީ މިކަމާ ދެކޮޅަށް ވާހަކަދައްކާފައެވެ. އަދި މިކަން ހުއްޓުވުމުގެ ގޮތުން އިނގިރޭސިވިލާތް ވިލާތުގެ އިއްތިޙާދުން ވަކިކުރުމަށް ކަނޑައަޅާފައިވާ މުހުލަތު ފަސްކުރަން މަސައްކަތްކުރާނެކަމަށްވެސް އެ ފަރާތްތަކުންވަނީ ބުނެފައެވެ.

އެއްބަސްވުމަކާ ނުލާ އިނގިރޭސިވިލާތް ވިލާތުގެ އިއްތިޙާދުން ވަކިކުރުމާ ގުޅޭގޮތުން އދގެ ވިޔަފާރިއާބެހޭ އިދާރާއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ މި ފަދަ ޙާލަތެއްގައި އިނގިރޭސިވިލާތުން ވިލާތުގެ އެހެން ޤައުމުތަކަށް މުދާ އެކްސްޕޯޓްކޮށްގެން ހޯދާ އާމްދަނީން 16 ބިލިއަން ޑޮލަރު ގެއްލިގެންދާނެކަމަށާ މިއީ އިނގިރޭސިވިލާތުގެ އެކްސްޕޯޓް ވިޔަފާރިން ލިބޭ އާމްދަނީގެ ހަތެއް އިންސައްތައިގެ އަދަދެއްކަމަށެވެ. މީގެ ތެރޭގައި އެއްގައުމު އުޅަނދު އެކްސްޕޯޓްކޮށްގެން ލިބޭ 5 ބިލިއަން ޑޮލަރާއި ޖަނަވާރުގެ އުފެއްދުންތައް އެކްސްޕޯޓްކޮށްގެން ލިބޭ 2 ބިލިއަން ޑޮލަރުގެ އިތުރުން އަންނައުނާ ފޮތި ވިއްކައިގެން ލިބޭ 2 ބިލިއަން ޑޮލަރުވެސް ހިމެނޭކަމަށް އދގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އދގެ ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ މި 16 ބިލިއަން ޑޮލަރުގެ ގެއްލުމަކީ ހަމައެކަނި ކަސްޓަމްސް ޑިއުޓީ ނަގާ މުދަލުން ލިބޭނެ ގެއްލުންކަމަށާ މި ފަދަ ޑިއުޓީތައް ނުނަގާ މުދަލުން ލިބޭނެ ގެއްލުމާއެކު އިނގިރޭސިވިލާތަށް ޖުމްލަ ލިބޭނެ ގެއްލުން އިތުރުވެގެންދާނެކަމަށެވެ.