ސޫރިޔާގެ ހުޅަނގު އުތުރުގެ އިދްލީބްގައި މިހާރު ދެމުންދާ ޙަމަލާތަކުގެ ސަބަބުން އެ ސަރަޙައްދުގައި މީގެ އަހަރެއްކުރިން ތުރުކީވިލާތާ ރަޝިޔާއިން ޤާއިމުކުރި ޙަމަލާތައް ބަދަލުކުރުން މަނާ ސަރަޙައްދު މަޑުމަޑުން ގެއްލެމުންދާކަމަށް ތުރުކީވިލާތުގެ ރައީސް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.
ތުރުކީވިލާތުގެ އަންކާރާގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އެ ޤައުމުގެ ރައީސް ތައްޔިބު އުރުދުޣާން ވިދާޅުވީ އިދްލީބްގެ މައްސަލައަށް ޙައްލު ހޯދުމަށްޓަކައި ތުރުކީވިލާތުން ކަމާބެހޭ ހުރިހާ ފަރާތްތަކާއެކު މަޝްވަރާތައް ކުރަމުންދާނެކަމަށެވެ. އުރުދުޣާން ވިދާޅުވީ އިދްލީބް މަޑުމަޑުން ގެއްލެމުންދާކަމަށާ މީގެ ކުރިން ސޫރިޔާގެ ހަލަބަށް ވީގޮތަށް އިދްލީބަށްވެސް ވަމުންދާ މަންޒަރު މިހާރު ފެންނަމުންދާ ކަމަށެވެ. މިކަމުގެ ސަބަބުން ސޫރިޔާގެ އިދްލީބްގައި އެ ޤައުމުގެ ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ މީހުންނަށް ރައްކާތެރިކަން ދިނުމަށް ޙަމަލާތައް ބަދަލުކުރުން މަނާ ސަރަޙައްދެއް ޤާއިމުކުރުމަށް ތުރުކީވިލާތުން ހުށަހަޅާފައިވާ ހުށަހެޅުމަކީ މިހާރު ހަމައެކަނި ޚިޔާލެއްކަމަށްވެސް ތުރުކީވިލާތުގެ ރައީސް އުރުދުޣާން ވިދާޅުވިއެވެ.
މިއަހަރުގެ އޭޕްރިލް މަހުން ފެށިގެން ސޫރިޔާގެ ސަރުކާރަށް ތާޢިދުކުރާ އަސްކަރީ ބާރުތަކާ ރަޝިޔާގެ ފައުޖުތަކުން ސޫރިޔާގެ ހުޅަނގު އުތުރުގެ އިދްލީބް ސަރަޙައްދަށް ދެމުންދާ ޙަމަލާތަކުގެ ސަބަބުން މިހާތަނަށް ސޫރިޔާގެ ޢާއްމުންގެ ފަސް ސަތޭކައަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް އދން ބުނެއެވެ. އަދި މި ޙަމަލާތަކުގެ ސަބަބުން 400،000 މީހުން ޙާލުގައި ޖެހިފައިވާއިރު އިދްލީބަކީ ސޫރިޔާގައި އިދިކޮޅު ހަނގުރާމަވެރިން އެންމެ ފަހުން ކޮންޓްރޯލްކުރާ ސަރަޙައްދެވެ.
މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހުން ފެށިގެން ސޫރިޔާގެ ސަރުކާރުންވަނީ އެ ސަރަޙައްދުގައި ޙަމަލާތައް ދިނުން ހުއްޓާލާފައެވެ. އެހެން ނަމަވެސް އެ ޤައުމުން ބުނެފައިވަނީ މިއީ ވަގުތީ ނިންމުމެއް ކަމަށެވެ.