ޚަބަރު

ބްރެކްސިޓަށް ސިޔާސީ ފަރާތްތަކުން ހުރަސްއަޅާނަމަ އަވަސް އިންތިޚާބެއް ބޭއްވުމަށްވެސް ތައްޔާރު: ޖޯންސަން


މިއަންނަ އޮކްޓޯބަރު މަހުގެ 31ވަނަ ދުވަހުގެ ކުރިން ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިކުރުމަށް އެ ޤައުމުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިނގިރޭސި ސިޔާސީ ފަރާތްތަކުން ހުރަސް އަޅާނަމަ އެ ޤައުމުގައި އަވަސް އިންތިޚާބެއް ބޭއްވުމަށް ފަސްޖެހިވަޑައިނުގަންނަވާނެކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޯރިސް ޖޯންސަން ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިކުރުމަށް ކަނޑައަޅާފައިވާ މުހުލަތު ހަމަވުމަށް ފަސް ދޮޅަސް ދުވަހަށް ވެފައިވާއިރު ޖޯންސަން މީގެ ކުރިން ވިދާޅުވެފައިވަނީ މިކަމުގައި ވިލާތުގެ އިއްތިހާދުން އިނގިރޭސިވިލާތާއެކު އަލުން އެއްބަސްވުމެއް ޤާއިމުކުރުމަށް ދެކޮޅުހަދާނަމަ އޮކްޓޯބަރު މަހުގެ 31ވަނަ ދުވަހު އެއްބަސްވުމަކާނުލާވެސް އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިކުރާނެކަމަށެވެ. އެހެންނަމަވެސް އިނގިރޭސިވިލާތުގެ އިދިކޮޅު ފަރާތްތަކުންވަނީ މިކަމާ ދެކޮޅަށް ވާހަކަދައްކާފައިވެއެވެ. އަދި މިކަން ހުއްޓުވުމުގެ ގޮތުން އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިކުރުމަށް ކަނޑައަޅާފައިވާ މުހުލަތު ފަސްކުރަން މަސައްކަތްކުރާނެކަމަށްވެސް އެ ފަރާތްތަކުންވަނީ ބުނެފައެވެ.

މިކަމަށް ރައްދުދެއްވާ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޖޯންސަން ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމަށް ކަނޑައަޅާފައިވާ މުހުލަތު އިތުރުކުރުމަށް އެ ޤައުމުން އެއްވެސް ހާލެއްގައި ވިލާތުގެ އިއްތިހާދުގައި ނޭދޭނެކަމަށާ އަންނަ މަހުގެ 31ވަނަ ދުވަހު ކޮންމެގޮތެއް ހަދައިގެން ނަމަވެސް އެ ޤައުމު ވިލާތުގެ އިއްތިހާދުން ވަކިކުރާނެކަމަށެވެ. ޖޯންސަން ވިދާޅުވީ ސަރުކާރުން ވެފައިވާ ވަޢުދު ފުއްދުމުގައި ފަސްޖެހެން ބޭނުންނުވާކަމަށާ އެހެންނަމަވެސް މިކަން ހުއްޓުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރާނަމަ އެ ޤައުމުގައި އަވަސް އިންތިޚާބެއް ބޭއްވުމަށްވެސް ފަސްޖެހިވަޑައިނުގަންނަވާނެކަމަށެވެ.

އޭނާ ވިދާޅުވީ އިނގިރޭސި ސަރުކާރުންވެސް އަދި އިދިކޮޅު ފަރާތްތަކުންވެސް އެ ޤައުމުގައި އިންތިޚާބެއް ބޭއްވުމަށް ބޭނުންނުވާކަމަށާ އެހެންކަމުން ދެ ފަރާތުންވެސް ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދީގެން މަސައްކަތްކުރުމަށް ގޮވާލައްވާކަމަށެވެ.