އެއްވެސް ޙާލެއްގައި ޕާކިސްތާނުން އިސްވެ ނިއުކްލިޔަރ ހަތިޔާރު ބޭނުން ނުކުރާނެކަމަށް އެ ޤައުމުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެއެވެ.
އަވަށްޓެރި އިންޑިއާއާއި ޕާކިސްތާނު ގުޅޭ ކަޝްމީރުގެ މައްސަލައިގައި ދެ ޤައުމުގެ ދެމެދު އޮންނަ ގުޅުންތައް އަނެއްކާވެސް ހީނަރުވެފައިވާ މިދަނޑިވަޅުގައި ޕާކިސްތާނުގެ އިރުމަތީގެ ރަށެއްކަމަށްވާ ލާހޯރުގައި ހުންނަވާ ވާހަކަދައްކަވަމުން އިމްރާން ޚާން ވިދާޅުވީ ދެ ޤައުމަކީވެސް ނިއުކްލިޔަރ ހަތިޔާރު ބޭނުންކުރުމުގެ ޤާބިލުކަން އޮންނަ ދެޤައުމުކަމަށާ ދެޤައުމުގެ ދެމެދު ނުތަނަވަސްކަން އުފެދުމަކީ މުޅި ދުނިޔެއަށް އެކަމުގެ ސަބަބުން ގެއްލުންތައް ލިބިގެންދާނެ ކަމެއް ކަމަށެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވީ އެ ޤައުމުން އިސްވެ އެއްވެސް ޙާލެއްގައި ނިއުކްލިޔަރ ހަތިޔާރު ބޭނުން ނުކުރާނެކަމަށެވެ.
ބޮޑުވަޒީރުގެ ވާހަކަތަކަށް ބާރުދެއްވާ އެ ޤައުމުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާޏު ވިދާޅުވީ ނިއުކްލިޔަރ ހަތިޔާރު ބޭނުންކުރުމުގައި ޕާކިސްތާނުން ގެންގުޅޭ ސިޔާސަތަށް އެއްވެސް ޙާލެއްގައި ބަދަލެއް ނާންނަކަމަށާ އެ ޤައުމުން އަބަދުވެސް އެންމެ އިސްކަން ދޭނީ ސުލްޙައާއި ހަމަޖެހުމަށްކަމަށެވެ.
އަދި ނިއުކްލިޔަރ ހަތިޔާރު ބޭނުންކުރުމުގެ ޤާބިލްކަން ދެ ޤައުމަށް ލިބިފައިވީނަމަވެސް މިކަމުގައި ދެޤައުމުންވެސް ޒިންމާދާރުވުމަށް ގޮވާލާކަމަށްވެސް ޕާކިސްތާނުގެ ޚާރިޖީ ތަރުޖަމާނު ވިދާޅުވިއެވެ.