ޚަބަރު

ކާބުލްގެ ޢިމާރާތަކަށް ދިން ބޮމުގެ ޙަމަލާއެއްގައި މަރުވި މީހުންގެ ޢަދަދު 16އަށް އަރައިފި


އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ބައިނަލްއަޤްވާމީ ޖަމާޢަތްތަކަށް ނިސްބަތްވާ މަސައްކަތްތެރިން އުޅޭ ޢިމާރާތަކަށް ހޯމަ ދުވަހުގެ ރޭގަނޑު ދިން ބޮމުގެ ޙަމަލާއެއްގައި މަރުވި މީހުންގެ ޢަދަދު 16އަށް އަރައިފިއެވެ. އަފްޣާނިސްތާނުގެ އޮފިޝަލުން ބުނެފައިވަނީ މި ޙަމަލާގައި ޒަޚަމްވި މީހުންގެ ޢަދަދު 119އަށް އަރާފައިވާކަމަށެވެ.

އަފްޣާނިސްތާނުގެ ދާޚީލީ ވުޒާރާގެ ތަރުޖަމާނު ނަސްރަތް ރަހީމީ ވިދާޅުވީ މި ޙަމަލާ ދީފައިވަނީ ކާބުލްގެ އިރުމަތީގައި ހުންނަ ބައިނަލްއަޤްވާމީ ޖަމާޢަތްތަކަށް ނިސްބަތްވާ މަސައްކަތްތެރިން އުޅޭ ޢިމާރާތުގެ ކައިރީގައި ޕާކުކޮށްފައިވާ އުޅަނދެއްގައި ހަރުކޮށްފައިވާ ބޮންތަކެއް ގޮއްވާލައިގެންކަމަށެވެ. އަދި މި ޙަމަލާގެ ސަބަބުން އެ އިމާރާތުގައި އުޅެމުންދިޔަ ބޭރު ޤައުމުތަކަށް ނިސްބަތްވާ 400އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މި ޙަމަލާގެ ޒިންމާ އުފުލާފައިވަނީ ޠާލިބާނު ޖަމާޢަތުންނެވެ. ޠާލިބާނު ޖަމާޢަތުން އެ ޤައުމުގައި އަނެއްކާވެސް ނުރައްކާތެރި ޙަމަލާއެއްދީފައި މިވަނީ އެ ޖަމާޢަތާއި އެމެރިކާއާއި ދެމެދު މިހާރު ކުރިއަށްދާ ސުލްޙައިގެ މަޝްވަރާތަކުގައި ޤާއިމުކުރާ އެއްބަސްވުމުގެ ތަފްޞީލު އެމެރިކާއިން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.