ކުޅިވަރު

ރާއްޖެ އަކީ މާވަރުގަދަ ޓީމެއްނޫން: ގުއާމް ކޯޗު


ވޯލްޑް ކަޕް ކޮލިފައިންގައި މާދަމާ ރާއްޖެއާ ދެކޮޅަށް ނުކުންނައިރު ދިވެހިރާއްޖެ އަކީ ބަލިނުކުރެވޭ ވަރުގަދަ ޓީމެއްނޫން ކަމަށް ގުއާމުން ބުނެފި އެވެ. އެ ގައުމުގެ ކޯޗު ކާލް ޑޯޑް ބުނީ ރާއްޖެއާ މެދު އޭނާ މި ގޮތަށް ދެކެނީ ލިބިފައިވާ މައުލޫމާތުތަކަށް ބަލާފައި ކަމަށެވެ.

"އަހަންނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ރާއްޖޭގައި އޮތީ ވަރަށް ޒުވާން ޓީމެއް. އެމީހުންގެ ލީގުގެ ފެންވަރު އެހާ މައްޗެއްނޫން. އަދި އެމީހުން އެންމެ ފަހުން ނެރެފައިވާ ނަތީޖާތަކަށް ބަލާއިރު އެއީ އާދަޔާ ހިލާފަށް ވަރުގަދަ ޓީމެއްނޫން،" ކޯޗު ބުންޏެވެ.

ކޮލިފައިންގެ ފުރަތަމަ މެޗަށް ނުކުންނައިރު ކޯޗު ބުނީ އޭނާގެ ޓީމަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަމިއްލަ ގައުމުގައި މެޗު ކުޅުން ކަމަށެވެ. އަދި ގުއާމުގެ އަމާޒަކީ ދެ ވަނަ ބުރަށް ދިއުން ކަމަށާއި މިހެންވެ ރާއްޖެއާ ދެކޮޅަށް ފެށުން ރަނގަޅު ކުރުން ވަރަށް މުހިންމު ކަމަށެވެ.

"އަހަރުމެންނަށް ފެށުން ރަނގަޅު ކުރަން މިއަށްވުރެ ވަކި ރަނގަޅު ފުރުސަތެއް ނުލިބޭނެ. އަހަރުމެންގެ ގައުމުގެ މީހުން މިތިބީ މެޗެއް ބަލާލަން ކެތްމަދުވެފައި. އެންމެ ފަހުން މެޗެއް ކުޅުނީ އެމީހުންނަށް ފެންނަ ހިސާބުގައި މީގެ ދެ މަސްކުރިން. ވަރަށް އުއްމީދު އެބައޮތް ރަނގަޅޫ ނަތީޖާއެއް ލިބޭނެ ކަމަށް،" ކޯޗު ބުންޏެވެ.
މި މެޗު ފަށާނީ މާދަމާ 10:30ގަ އެވެ.