ޚަބަރު

ރިޟުވާން ގެއްލުނު މައްސަލައިގެ ރިޕޯޓް އާންމުކުރީ މައްސަލާގައި އިތުރަށް ލިބޭނެ ކުރިއެރުމެއް ނެތުމުން - މަޖިލިސް ރައީސް


ރިޟުވާންގެ މައްސަލާގައި މަޖިލީހާއި ހިއްސާކުރެއްވި ޙުލާސާރިޕޯޓް އާންމުކުރީ މިމައްސަލާގައި ދެން އިތުރަށް ލިބޭނެ ކުރިއެރުމެއް ނެތުމުން ކަމުގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރިޟްވާންގެ މައްސަލާގައި މަރުތަކާއިބެހޭ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓްގެ ޙުލާސާބަޔާން އާންމުކުރުމާއި ގުޅިގެން ވަރަށްގިނަ ފަރާތްތަކުން އެކަމުގެ ކަންބޮޑުވުން މަޖިލީހުގެ ރިޔާސަތާއިވެސް ހިއްސާކުރައްވަމުންދާކަމަށް މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް ޙުލާސާ ރިޕޯޓުގައި މީހުންގެ ނަންތަކާއި، އެޑްރެހާއި އާންމުމައުލޫމާތު އެގޭނެފަދައިން މި ރިޕޯޓް އާންމުކުރީ ކޮމިޝަންގެ ރައީސްއާވެސް މަޝްވަރާކުރުމަށްފަހުގައިކަމަށެވެ. އަދި މި ރިޕޯޓްހާމަކުރުމަކުން މިމައްސަލަޔަށް ލިބޭނެ އިތުރުކުރިއެރުމެއް ނެތްކަމަށް ކޮމިޝަންގެ ރައީސްވެސް ޤަބޫލުފުޅު ކުރައްވާކަމަށް ރައީސް ނަޝިދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިހާރު އާންމުކޮށްފައިވާ ރިޕޯޓު އާންމުކޮށްފައިވަނީވެސް ފުލުހުންނާއި، ކޯޓުތަކުން މިމައްސަލާގައި ލިބެންޖެހޭ ވަރަށް ކުރިއެރުންވެސް ލިބިފައިނުވާތީ ކަމަށާއި، މިމައްސަލާގައި މަޖިލީހުން އަމަލުކޮށްފައިވަނީ ރަނގަޅަށް ކަމުގައި މަޖިލިސް ރައީސް ވިދާޅުވިއެވެ.

ރިޟުވާންގެ މައްސަލާގައި މަޖިލީހުން ޚުލާސާރިޕޯޓް އާންމުކޮށްފައިވާއިރު، ރިޟްވާންގެ މައްސަލައިގެ ރިޕޯޓް އިއްޔެވަނީ މަޖިލީހުގެ ޕީޖީ ލީޑަރުންނާއި ހިއްސާކުރައްވާފައެވެ. ނަމަވެސް އެރިޕޯޓްތައް މިހާރު އަތުލާފައިވާއިރު، މަޖިލީހުގެ ރައީސް ވިދާޅުވަނީ އެރިޕޯޓްގެ ސިއްރު ޕީޖީ ލީޑަރުން ހިފަހައްޓާނެކަމުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން އެބައޮތްކަމަށެވެ.