މުނިފޫހިފިލުވުން

"ބަވަތި" - 20 އަހަރުގެ ހުވަފެން ކާމިޔާބު ކަމާއިއެކު ޙަޤީޤަތަކަށް


ހައުސްފުލް ޝޯވ އަކާއެކު ފިލްމް ޑައިރެކްޓަރ އިލްޔާސް ވަހީދުގެ ފުރަތަމަ ފިލްމު "ބަވަތި" އޮލިމްޕަހުގައި ޕްރިމިއަރ ކޮށްފިއެވެ.

މިއީ ޑައިރެކްޓަރ އިލްޔާސް ވަހީދުގެ 20 އަހަރުގެ ދިގު އިންތިޒާރެއްގެ ނިމުން ކަމަށް އޭނާ ބުނެއެވެ. ގިނަ ބަޔަކު އިންތިޒާރު ކުރަމުންއައި މި ފިލްމުގެ ޕްރިމިއަރ ނައިޓްގައި ވާހަކަ ދައްކަމުން ޑައިރެކްޓަރ އިލްޔާސް (އިއްލި) ބުނީ ފޮނި އުންމީދުތަކަކާއެކު ފެށި މި މަސައްކަތް މިހާ ކާމިޔާބު ކަމާއެކު ކުރިއަށްގެންގޮސް ނިންމާލެވުނީ މުޅި ޓީމުގެ އެއްބާރުލުމާ އެކުކަމަށެވެެ.

ހައުސްފުލް ޝޯވ އަކާއެކު ފިލްމް ޕްރިމިއަރ ކޮށްފައިވާއިރު ފުރަތަމަ ޝޯވ ބަލަންދިޔަ މީހުން ތިބީ ފިލްމާމެދު ވަރަށް ހިތްހަމަޖެހިފައެވެ. މިއީ "އައި ފިލްމްސް"ގެ ފުރަތަމަ ފީޗަރ ފިލްމުކަމަށްވާއިރު، ފިލްމުގެ ވާހަކަ ލިޔެ، ޑައިރެކްޓްކޮށްފައިވަނީވެސް މި ދާއިރާއަށް އައު ފަރާތެއްކަމަށްވާ އިލްޔާސް ވަހީދެވެ. ފިލްމުގެ މެއިން ކާސްޓުންގެ ގޮތުގައި ފެނިގެންދަނީ ނުޒުހަތު ޝުއައިބާއި، ފިލްމީ ދާއިރާއަށް މުޅިން އަލަށް ތަޢާރަފުވާ އަޙްމަދު އިފްނާޒު ފިރާގެވެ.

ރޭގެ ފިލްމަށް ބަލާއިރު ފިލްމުގެ މުހިންމު ރޯލެއް އަދާކުރާ އިފްނާޒްގެ އެކްޓަށް ތައުރީފް ހައްޤެވެ. މި ފިލްމަކީ ލޯތްބާއި މަޖަލާއި ހިތާމައާއި، ބިރުވެރިކަން އަދި މިނޫންވެސް ހުރިހާ ރަހަތަކެއް އެކުލެވޭ، ދެވަނަ ފަހަރަށްވެސް ބަލާލަންދާވަރުގެ ފިލްމެއްކަމަށް ފިލްމު ބަލަންދިޔަ މީހުން ވަނީ ބުނެފައެވެ.

މި ފިލްމަކީ ސަސްޕެންސް ތްރީލާއެކެވެ. ފިލްމުގައި ދައްކައިދެނީ މައިގަނޑު ގޮތެެއްގައި ގިނަ ކަންތައްތަކެއް ދިމާވެފައިވާ އަންހެންކުއްޖެއްގެ ދިރުއުޅުމެވެ. ޑައިރެކްޓަރ އިއްލިގެ އެދުމާއެކު ފިލްމުގެ ސަސްޕެންސް ހިފެހެއްޓުމަށްޓަކައި ދެންއޮތްބައި ދޫކޮށްލާނީ ބެލުންތެރިންނަށެވެ. ގިނަ ބަޔަކު ޤަބޫލުކުރާގޮތުގައި މި ފިލްމަކީ މުޖުތަމައަށްވެސް ފިލާވަޅުތަކެއް ލިބިގެންދާނެ މޮޅު ފިލްމެކެވެ.