ޚަބަރު

ރިޟްވާންގެ ބޯބުރިކޮށް ވަނީ ކަނޑުފައްތާފައި - ޚުލާސާ ރިޕޯރޓް


ނޫސްވެރިއާ އަޙްމަދު ރިޞުވާން ކަނޑުމައްޗަށް ގެންގޮސް ބޯބުރިކޮށްލައި، ކަނޑުފައްތާލާފައިވާކަން ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ތަޙްޤީޤު ކުރާ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގެ ޚުލާސާއިން ހާމަވެއްޖެއެވެ.

އެކޮމިޝަނުން ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފައިވާ ރިޕޯޓުގެ ޑްރާފްޓުގެ ޚުލާސާ ބަޔާން ރައްޔިތުންގެ މަޖިލީހުން ވަނީ އާންމު ކޮށްފައެވެ. މި ބަޔާނުގައި ސިއްރުން ހެކިބަސްދީފައިވާ 2 ހެކިންގެ ތެރެއިން 1 ހެކިވެރިޔަކު ކޮމިޝަނަށް ދިފައިވާ ބަޔާނުގައި، ރި ޟްވާން ކިޑްނެޕްކޮށްގެން ގެންގޮސް އެރުވީ އުކުޅަހު ދޯންޏަކަށްކަމަށް ބުނެފައެވެ. އަދި އެ ދޯންޏަކީ ދީނީ ޖިހާދީ ޖަމާއަތުން އާމްދަނީ ހޯދުމަށް ގެންގުޅޭ ކަމަށާ މި ދޯނީގެ އިތުރުން އެހެން ދޯންޏެއްވެސް އެމީހުން އާމްދަނީ ހޯދަން ބޭނުންކުރާކަމަށް މި ބަޔާނުގައި ފާހގަަކޮށްފައިވެއެވެ.

އެގޮތުން އުކުޅަހުގައި ބަޓް ނަގަން ދިއުމަށް ގެންގުޅެނީވެސް މީގެ ދޯންޏެއްކަމަށްވެސް ހެކިވެރިޔާގެ ބަޔާނުގައި ބުނެފައިވާކަމަށް މި ޚުލާސާ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެ ދެ ދޯނި ހަމަޖައްސައިދިން މި ޖަމާއަތުގެ އޮޕަރޭޝަންސް ތަކުގެ އެންމެ އިސްމީހަކަށް ހުންނަ މީހެއްކަމަށްބުނާ މީހާގެ ނަންވެސް މި ރިޕޯޓުގައި ވަނީ ހާމަކޮށްފައެވެ. އަދި ރިޟްވާން އެ ދޯންޏަށް އެރުވުމަށްފަހު ރިޟްވާންގެ ކަރު ބުރިކޮށްލުމަށްފަހު އޭނާގެ ހަށިގަނޑު ކަނޑު ފައްތާލާފައިވާކަމަށްވެސް ހެކިވެރިޔާ ބުނެފައިވާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ސިއްރު ހެކިބަސްދީފައިވާ 2 ވަނަ ހެކިވެރިޔާ ކޮމިޝަނަށް ދީފައިވާ މައުލޫމާތުން ރިޟްވާން މަރާލާފައިވަނީ ކާކު ކަންވެސް މި ރިޕޯޓުގައި ހާމަކޮށްފައިވެއެވެ. އަދި އެމީހާއަކީ ޖަބްހަތުއް ނުސްރާ ފަޅީގައި، އެ ޖަމާޢަތުގެ އިސްކޮށް ހުންނަ މީހާގެ ދަށުން ހުންނަ ބޮޑު ޝައިޚް ކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ. އަދި އޭނާއަކީ އެ ޖަމާޢަތުގައި ލޭ ހުއްދަ ކުރާ މައި ޝޭޚު ކަމަށްވެސް ބުނެފައިވެއެވެ.

މި ބަޔާނުގައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލް އިން 24 އެޕްރީލް 2014 އިން ފެށިގެން ރިޟްވާން ޢަބްދުﷲ ފޮލޯކުރަމުން ދިޔައީ ރިޟްވާންގެ ހަށިގަނޑާއި ފުރާނައަށް ގެއްލުން ވެދާނެ ކަމުގެ ތްރެޓް އޮތުމުން ކަމަށް ހާމަވާއިރު، 24 ޖޫން 2014 ތާރީޚުގައި ގޭންގުތަކުގެ ބަޔަކު ބޭނުންކޮށްގެން ދެ މީހަކު ކަނޑުފައްތަން އުޅޭ ކަމުގެ މައުލޫމާތު އަދި އެކަމަށް ލޯންޗެއްވެސް ތައްޔާރުކޮށްފައިވާ ކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލްއަށް ލިބުނުއިރު، އެކަމާ
ގުޅިގެން އެކަން ހުއްޓުވުމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީވެ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލްގެ އިސްވެރިން މިކަމަށް ޒިއްމާ އުފުލަންޖެހޭނެ ކަމަށް ކޮމިޝަނަށް ގަބޫލުކުރެވޭކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މި ޙުލާސާ ބަޔާނުގައި ރިޟުވާން ގެއްލުނުގޮތާއި، މީގައި ޝާމިލުވާ މީހުންނާއި، ރޭވިގެންދިޔަ ގޮތާއި އެކަމުގައި ޝާމިލުވާ ބައެއް މީހުންގެ ނަމާއި ތަފްސީލުތައް ހާމަކޮށްފައިވެއެވެ. އަދި މިކަމުގައި އޭރުގެ ސަރުކާރުގެ ޓްއަރިޒަމް މިނިސްޓަރ އަޙްމަދު އަދީބްގެ ދައުރާއި، މިކަމުގައި ޝާމިލްވާ ފަރާތްތައް ފޮރުވުމަށް އޭނާ ކުރެއްވި މަސައްކަތްތަކާއި އެކަމުގަިއ ޝާމިލުވި ފުލުންގެ ތަފްސީލުވެސް ހާމަކޮށްފައިވެއެވެ.