މެކްސިކޯގެ ރައީސް އަންދްރޭސް މެނުއެލް ލޮޕޭޒް އޮބްރޭދޯ އެ ޤައުމުގެ ރައްޔިތުންނާ މުޚާތަބުކޮށް ސްޓޭޓް އޮފް ދަ ޔޫނިއަން އެޑްރެސް ދެއްވައިފިއެވެ.
މެކްސިކޯއަށް ދިމާވެފައިވާ އިޤްތިޞާދީ ހީނަރުކަމާއި މީހުންމެރުމާއި ކުށްކުރުމުގެ ރިކޯޑް އާދަޔާ ޚިލާފަށް މަތިވެފައިވީކަމުގައިވިޔަސް ގިނަ ރައްޔިތުން އަދި ތިބީ އޭނާއަށް އިރުބާރުކޮށްގެންކަމަށްބެލެވެއެވެ. މިދިޔަ ޑިސެމްބަރުމަހު މެކްސިކޯގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އޮބްރޭދޯ ރައްޔިތުންނަށް ވަޢުދުވެވަޑައިގެންފައިވަނީ އެ ޤައުމުގައި ހިނގަމުންދާ ކުށްކުރުމާއި މާރާމާރީފަދަ ކަންކަން މަދުކުރައްވާނެކަމަށެވެ. ނަމަވެސް އެކަންކަން އަދި މިހާތަނަށްވަނީ ކުރެވޭގޮތް ނުވެފައެވެ.
މެކްސިކޯއަށްވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ތަފާތު އިންޒާރުތަކާވެސް ކުރިމަތިލާންޖެހިފައެވެ. އެގޮތުން ސެންޓްރަލް އެމެރިކާގެ ޤައުމުތަކުން އެމެރިކާއަށް މެކްސިކޯގެ މަގުން ހިޖުރަކޮށްގެން އަންނަ މީހުން ނުހުއްޓުވައިފިނަމަ މެކްސިކޯގެ މުދަލުން ޑިއުޓީ ނަގަން ފަށާނެކަމުގެ އިންޒާރު ރައީސް ޓްރަމްޕްވަނީ ދެއްވާފައެވެ. މިހެންވެ މެކްސިކޯގެ މަގުން އެމެރިކާއަށް މީހުން ވަގަށް އެތެރެވުން ހުއްޓުވުމަށް ރައީސް އޮބްރޭދޯވަނީ އެތަކެއް ހާސް ސިފައިން މެކްސިކޯއާއި އެމެރިކާ ގުޅޭ ބޯޑަރު ކައިރިއަށް ފޮނުވާފައެވެ. މިމައްސަލައިގައި އެމެރިކާއާއެކު އެއްވެސް ދެބަސްވުމަކަށް ދާން ބޭނުންނުވާކަމަށް އޮބްރޭދޯވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، މެކްސިކޯއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އާދަޔާ ޚިލާފަށް ކުށްކުރުން ގިނަވުމެވެ. އޮބްރޭދޯގެ ސަރުކާރަށް އެންމެ 8މަސްވީއިރު އެ ޤައުމުގައި 19،000އަށްވުރެ ގިނަ މީހުން މެރުމުގެ މައްސަލައިގެ ތަޙުޤީޤުވަނީ ފަށާފައެވެ.
ރައީސް އޮބްރޭދޯ ކުރައްވާނެކަމަށް ވިދާޅުވި ކަންކަން ނުކުރެވުމުން ރައްޔިތުންގެ ހިތްހަމަނުޖެހުމާވަނީ ކޮންމެވެސް ވަރަކަށް ކުރިމަތިލާންޖެހިވަޑައިގެންފައެވެ. މެކްސިކޯގެ ނޫހަކުން މިދިޔަ އޯގަސްޓްމަހު ނެގި ޚިޔާލުހޯދުމުގެ ވޯޓު ދައްކާގޮތުން ރައީސް އޮބްރޭދޯއަށް ތާޢީދުކުރާކަމަށް %69 މީހުން ބުނެފައިވެއެވެ.
މިދިޔަ އާދީއްތަ ދުވަހު ރައީސް އޮބްރޭދޯ ގެންގުޅުއްވާ ސިޔާސަތުތަކާއި ދެކޮޅަށް އެތައްސަތޭކަ ބަޔަކުވަނީ ނުކުމެ މުޒާހަރާކޮށްފައެވެ.