ދެކުނު ކޮރެއާގެ ޖަސްޓިސް މިނިސްޓަރުކަމުގެ މަޤާމަށް އިޚްތިޔާރުކޮށްފައިވާ ޗޯކުކް އޭނާގެ މައްޗަށްކުރެވިފައިވާ ކޮރަޕްޝަންގެ ތުޙުމަތުތަކަށް އިންކާރު ކުރައްވައިފިއެވެ. ޗޯކުކްގެ މައްޗަށް ކުރެވިފައިވާ ތުޙުމަތުތަކުގެ ތެރޭގައި ބާރާއި ނުފޫޒު ބޭނުންކޮށްގެން އޭނާގެ ދަރިކަނބަލުން ދެކުނުކޮރެޔާގެ އެލީޓް ޔުނިވާސިޓީއަކަށް ވެއްދުމަށް މަސައްކަތްކުރެއްވުމާއި އެ ޤައުމުގެ ބޮޑު ކުންފުންޏެއްގައި އިންވެސްޓް ކުރުމުގެ ފުރުޞަތު ހޯދުން ހިމެނެއެވެ.
ސޯލްގައި ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ޗޯކުކް ވިދާޅުވީ އޭނާގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކާ އޭނާއާ އެއްވެސް ގުޅުމެއް ނުވާކަމަށާ އޭނާގެ މައްޗަށް ކުރެވިފައިވާ ތުޙުމަތުތަކުގެ ތަފުޞީލުވެސް އެނގިވަޑައިނުގަންނަވާކަމަށެވެ. ޗޯކުކް ވިދާޅުވީ އޭނާގެ ދަރިކަނބަލުން އެލީޓް ޔުނިވަރސިޓީއަށް ވެއްދުމަށްޓަކައި އެއްވެސް ނުފޫޒެއް ބޭނުންކުރައްވާފައި ނުވާނެކަމަށެވެ. އަދި އެކަމާބެހޭގޮތުން އެ ޔުނިވާސިޓީގެ ޕްރޮފެސަރަކާ އޭނާ ގުޅުއްވިކަމަށް ދެކެވޭ ވާހަކަތަކަކީ އަސާސެއްނެތް ދޮގު ވާހަކަތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.
މިމައްސަލަ ދެކުނުކޮރެޔާގެ ނޫސްތަކުގައި ޝާއިއުކުރުމާ ގުޅިގެން ޗޯކުކް އާއި އޭނާގެ އާއިލާއަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާއިރު ޗޯކުކްވަނީ އެ މައްސަލައިގައި ދެކުނުކޮރެޔާގެ ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.