ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމަށް ކަނޑައަޅާފައިވާ ތާރީޚުކަމަށްވާ އެއްތިރީސް އޮކްޓޯބަރު ގެ ކުރިން އެ ޤައުމުގައި އާންމު އިންތިޚާބެއް ބާއްވަން ގޮވާލުމަކީ ވަރަށް ގާތްކަމެއްކަމަށް ލަންޑަންގެ ދަ ގާޑިއަން ނޫހުން ބުނެފިއެވެ. ދަ ގާޑިއަންއާ ޙަވާލާދީ ރޮއިޓާސުން ބުނެފައިވަނީ އަވަސް އިންތިޚާބަކަށް ގޮވާލާނެކަމުގެ އަޑުތައް އިނގިރޭސި ސިޔާސީ މަސްރަޙުގައި މިހާރުވަނީ ވަރަށް ބޮޑަށް ގަދަވެފައިކަމަށެވެ.
ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިކުރުމަށް ކުރާ މަސައްކަތްތަކުގައި އެއްބަސްވުމަކާ ނުލާ އެ ޤައުމު ވިލާތުގެ އިއްތިޙާދުން ވަކިވުން ހުއްޓުވުމަށް ކުރެވެންއޮތް ހުރިހާކަމެއްކުރަން ތައްޔާރަށް ހުންނެވިކަމަށް އިނގިރޭސިވިލާތުގެ އިދިކޮޅު ލޭބަރ ޕާޓީގެ އިސްވެރިޔާ ޖެރެމީ ކޯބިންވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެފައިވަނީ އެއްބަސްވުމަކާނުލާވެސް އިނގިރޭސިވިލާތް ވިލާތުގެ އިއްތިޙާދުން ވަކިކުރުމަށް ތައްޔާރަށް ހުންނެވިކަމަށެވެ.
އިނގިރޭސި އިދިކޮޅު ލީޑަރު އަދި ލޭބާ ޕާޓީގެ އިސްވެރިޔާ ޖެރެމީ ކޯބިން ވިދާޅުވީ އެއްބަސްވުމަކާނުލައި އިނގިރޭސިވިލާތް ވިލާތުގެ އިއްތިޙާދުން ވަކިވުމަށް ބޮޑުވަޒީރު ބޮރިސް ޖޯންސަން ކުރައްވަމުން ގެންދަވާ މަސައްކަތް ހުއްޓުމަށްޓަކައި ހައުސް އޮފް ކޮމަންސްގައި އަދި އެނޫންގޮތަށްވެސް ކުރެވެންއޮތް ހުރިހާކަމެއް ކުރައްވާނެކަމަށެވެ. މިގޮތުން ބްރެކްސިޓްގެ މައްސަލައިގައި ހައުސް އޮފް ކޮމަންސްގެ ކުއްލި ޖަލްސާއެއް އަންނަ ހަފުތާގައި ބޭއްވުމަށް ގޮވާލާނެކަމަށް ކޯބިން ވިދާޅުވިއެވެ.
އަނެއްކޮޅުން ކޮމަންސްގެ މެންބަރުންގެ ތެރޭގައި ހިމެނޭ ބްރެކްސިޓާ އިދިކޮޅު ހަތް މެންބަރަކުވަނީ މަޖިލީހުގެ މަސައްކަތް ވަގުތީގޮތުން ހުއްޓުވުމަށް ޖޯންސަންގެ ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ޣައިރުޤާނޫނީ ނިންމުމެއްކަމަށް ކަނޑައަޅާ އަމުރެއް ނެރެދިނުމަށް އެދި އެޑިންބަރާގެ ހައިކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. އެ ކޯޓުންވަނީ އަވަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަބަލައި ވަރަށް އަވަހަށް އެކަމާބެހޭގޮތުން ގޮތެއް ނިންމާނެކަމަށް ބުނެފައެވެ.
މިއާއެކު، ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމާ ދެކޮޅަށް ހައުސް އޮފް ކޮމަންސްގައި ވޯޓުދޭ ކޮންމެ މެންބަރަކު އެއްފަރާތް ކުރައްވާނެކަމުގެ އިންޒާރު ޖޯންސަންވަނީ ދެއްވާފައެވެ. އިނގިރޭސިވިލާތުގައި ވެރިކަންކުރާ ކޮންޒަވެޓިވް ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ވިޕްލައިންއާ ބެހޭ އިދާރާއިން ބުނީ ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމުގެ މައްސަލައިގައި ބޮރިސް ޖޯންސަންގެ ސަރުކާރާ ދެކޮޅަށް ވޯޓު ދީފިނަމަ އެ މެންބަރަކު ޕާލަމެންޓްރީ ގްރޫޕުން ބޭރުކޮށް، ދެން އޮންނަ އާންމު އިންތިޚާބެއްގައި ކޮންޒަވެޓިވް ޕާޓީގެ ކެންޑިޑޭޓަކަށް ވުމުގެ ފުރުޞަތު އެމެންބަރަކަށް ނުދޭނެކަމަށެވެ.
ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުން ނުވަތަ ބްރެކްސިޓްގެ މައްސަލަ މިހާ ހޫނުވެފައި މިވަނީ އެއްބަސްވުމަކާނުލައި ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިކުރުމަށްމަށް ޖޯންސަން ކުރައްވާ މަސައްކަތް ހައުސް އޮފް ކޮމަންސްގެ ތެރެއިން ހުއްޓުވާނެކަމުގެ އިންޒާރު އިދިކޮޅު ހުރިހާ ޕާޓީތަކުން ދިނުމާގުޅިގެންނެވެ.
ޖޯންސަންވަނީ ބްރެކްސިޓްގެ މައްސަލައިގައި ކުރީގެ ބޮޑުވަޒީރު ތެރީސާ މޭގެ ސަރުކާރުން ވިލާތުގެ އިއްތިޙާދާއެކުވެފައިވާ އެއްބަސްވުމަށް އޭނާ ބޭނުންވާ ބަދަލުތައް ގެނައުމުގެ ފުރުޞަތު އެ އިއްތިޙާދުން ނުދީފިނަމަ އެއްބަސްވުމަކާނުލައި އިނގިރޭސިވިލާތް، ވިލާތުގެ އިއްތިޙާދުން ވަކިވާނެކަމަށް ވިދާޅުވެފައެވެ.