ޚަބަރު

ބަވަތި ވުމުން ކުރެވޭ އިޙްސާސްގެ އިންތިޒާރުގައި އޮލިމްޕަސް


އޮލިމްޕަހުން މިރޭ އާފިލްމެއް ފެނިގެންދާނެ ކަމުގެ ނިޝާންތައް ފެންނަން ފަށާފައިވާއިރު ބެލުންތެރިން އިންތިޒާކުރަމުންދާ "ބަވަތި" މިރޭ ފެންނާނެ ކަން ޝައްކެތް ނެތް މިންވަރަށް ޔަގީން ވެއްޖެއެވެ. މިފިލްމު އޮލިމްޕަހުގެ ބޮޑުސްކްރީނުން ފެނުމުގެ ކުރިން މިފިލްމުގެ މައިގަނޑު ނަން ކަމުގައިވާ "ބަވަތި" މިއިން ދޭހަވާ މާނަ އަކީ ވެސް ބެލުންތެރިން އޮޅުން ފިލުވަން ޝައުޤު ވެރިވާނެ ކަމެކެވެ.

"ބަވަތި" އަކީ ކޮބައިތޯ އެވެ؟ ދިވެހިބަހުން މިބަހުގެ މާނާ ކުރެވޭ ގޮތަކީ ކަމެއް ވާން އުޅޭ ކަމުގެ އިޙުސާސްވުމެވެ. ދިވެހިންގެ ތެރޭގައި ޢާއްމުކޮށް މިބަސް މިހާރު ބޭނުންކުރާ އަޑެއް ނީވެއެވެ. ނަމަވެސް ކުރީ ޒަމާނުގައި "ބަވަތިވީ" މިހެން ބުނެ އުޅެނީ ލޯތޮޅުން، ނުވަތަ މިފަދަ ޢަލާމަތެއް އިޙްސާސް ވުމުންނެވެ. ޢާއްމުކޮށް މިބަސް ބޭނުންކުރަނީ މީހަކަށް ދެރަކަމެއް ވާން އުޅޭ ކަމުގެ ނިޝާނެއްގެ ގޮތުންނެވެ.

މިރޭ އޮލިންޕަހުގެ ބޮޑު ސްކްރީނަށް ބަވަތި ގެނައުމުގެ ގޮތުން ކަމާގުޅޭގޮތަށް، އޮލިމްޕަސް މިހާރުވަނީ ތައްޔާރު ކުރަން ފަށާފައެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން މިފިލްމުގެ ޑައިރެކްޓާރ އިލްޔާސް ވަޙީދު ބުނީ މިރޭ މިފިލްމް ބެލުންތެރިންނާ ހަމަޔަށް އައުމުގެ ކުރިންވެސް ބެލުންތެރިންގެ ބޮޑު ތަރުޙީބެއް ލިބެމުންދާކަން ފާހަގަ ކުރެވޭކަމަށެވެ.
އޮލިމްޕަހުން އަދިވެސް ޓިކެޓް ވިއްކަމުންދާ ކަމަށާއި މިމަހުގެ 21 ގެ ނިޔަލަށް މި ފިލްމު ދައްކަން ވިސްނާ ކަމަށް ފިލްމުގެ ޑައިރެކްޓަރ އިލްޔާސް ވަޙީދު ބުނެއެވެ.

މި ފިލްމުގެ ރެޑް ކާޕެޓަށް ތައްޔާރު ވެފައިވާއިރު ރެޑް ކާޕެޓް އެފްބީ މެދުވެރި ކޮށް ލައިވް ކުރާނެ ކަމަށް ވެސް އިލްޔާސް ވަޙީދު ބުނެއެވެ. އެހެންކަމުން ރެޑްކާޕެޓަށް ކުރެވޭ އުންމީދު ބޮޑުވެގެންދާނެއެވެ.
ބަވަތި މި ފިލްމުގެ ވާހަކަ މައިގަނޑު ގޮތެއްގައި އަމާޒު ކޮށްފައި ވަނީ ބޮޑުވެގެން އަންނަ އަންހެން ކުއްޖަކަށް، ޢާއިލީ މައްސަލަ ތަކެއްގެ ތެރެއިން އުފާވެރި މުސްތަޤުބަލަކަށް އެދި ކުރާ އުއްމީދުތައް، ރޫޙާނީ ބާރެއްގެ ސަބަބުން ވިއްސި ވިހާލިވެގެންދިއުމަށް ނިސްބަތް ކޮށެވެ.

މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ދަނީ މިހާރު ދިވެހި ފިލްމު އިންޑަސްޓްރީގައި ފިޔަ ޖަހަމުންދާ ބަޠަލާ ނުޒުހަތު ޝުޢައިބު "ނުޒޫ"ގެ އިތުރަށް މުޅިން މިދާއިރާއަށް އާ މޫނެއް ކަމަށްވާ އިފްނާޒް އަޙްމަދު ފިރާޤް އެވެ.
މި ފިލްމުގެ ޓްރެއިލާރސްތައް ބެލުންތެރިންނަށް ދައްކާލާފައިވާއ ިރު މި ފިލްމުގެ ތިން ލަވަ ވެސް ވަނީ ބެލުންތެރިންނަށް ދަށްކާލާފައެވެ. ޓްރެއިލާސް ތަކާއި 3 ލަވަޔަށް ވެސް ބެލުންތެރިންގެ ތަޜުޙީބު ބޮޑުކަން ފާހަގަ ކުރެވެއެވެ.