ޚަބަރު

އިސްރާއީލުގެ އުތުރު ކޮމާންޑަށް އިތުރު ސިފައިންނާއި ހަތިޔާރު ގެންދިޔުމަށް އަންގައިފި


ލުބުނާނުގެ ސަރަޙައްދީ ރޮނގުކައިރީގައިވާ އިސްރާއީލުގެ އުތުރު ކޮމާންޑަށް އިތުރު ސިފައިންނާއި ހަތިޔާރު ގެންދިޔުމަށް އަންގާފައިވާނެކަން އިސްރާއީލު ސިފައިން ކަށަވަރުކޮށްދީފިއެވެ. އިސްރާއީލުގެ ސިފައިން ބުނިގޮތުގައި އުތުރު ކޮމާންޑް ސަރަޙައްދަށް ކުރިމަތިވެދާނެ ތަފާތު ޙާލަތްތަކާއި ކުރިމަތިލުމަށްޓަކައި އެ ޤައުމުގެ އެއްގަމާއި ވަޔާ އަދި ކަނޑުގެ ބާރުތަކުގެ އިތުރުން އަސްކަރީ ޖާސޫސީ ބާރުތައްވެސްވަނީ އެ ސަރަޙައްދަށް ޖަމާކޮށްފައެވެ.

އިސްރާއީލުން މިދިޔަ ހަފުތާގެ އާދީއްތަ ދުވަހު ތިން ޑްރޯން ބޭނުންކޮށްގެން ލުބުނާނަށް ޢުދުވާނީ ޙަމަލާތަކެއްދިންކަން ހިޒްބުﷲ ޖަމާޢަތުންވަނީ ކަށަވަރުކޮށްދީފައެވެ. ލުބުނާނަށް ޙަމަލާދިން އިސްރާއީލުގެ ތިން ޑްރޯންގެ ތެރެއިން އެއް ޑްރޯން ވައިގެތެރޭގައި ގޮވައި ކުދިކުދިވެފައިވާއިރު ދެވަނަ ޑްރޯންވަނީ ހިޒްބުﷲގެ އޮފީހެއްގެ ކައިރިއަށް ވެއްޓިފައެވެ. ތިންވަނަ ޑްރޯނުން ޙަމަލާދިނީ ލުބުނާނުގައި މަރުކަޒުކޮށްފައިވާ ފަލަސްތީނުގެ މުޖާހިދުންގެ ޖަމާޢަތެއްކަމަށް ޕޮޕިއުލާ ފްރަންޓްގެ މަޒުކަޒަކަށްކަމަށް ލުބުނާނު ސަރުކާރުން ބުނެފައިވެއެވެ.

އިސްރާއީލުން ލުބުނާނާ ދެކޮޅަށް ހިންގި މި ޢުދުވާނަށް ރައްދުދޭނެކަމުގެ އިންޒާރު ހިޒްބުﷲގެ ވެރިޔާ އައްޝައިޚް ހަސަން ނަސްރުﷲވަނީ ދެއްވާފައެވެ. ނަސްރުﷲ ވިދާޅުވީ އިސްރާއީލުގެ އަސްކަރީ ބޯޓުތަކުން ލުބުނާނުގެ ވައިގެ ސަރަޙައްދަށް ބޭނުންއިރަކު ވަދެ، ބޮންއެޅި ޒަމާން މާޒީވެފައިވާކަމަށާ އިސްރާއީލުން ލުބުނާނަށް ދޭ ކޮންމެ އުދުވާނަކަށް ހިޒްބުﷲއިން ރައްދު ދޭނެކަމަށެވެ.

ހިޒްބުﷲގެ މި އިންޒާރާ ގުޅިގެން އިސްރާއީލުގެ ސިފައިން ތައްޔާރީ ޙާލަތަށް ގެނަސްފައިވާކަމަށް މިދިޔަ ހަފުތާގައިވެސް އިސްރާއީލުން ބުނެފައިވެއެވެ.