ޚަބަރު

ހޮންގްކޮންގްގައި މުޒާހަރާކުރާ މީހުން ހިންގާ ޢަމަލުތައް ހޮންގްކޮންގް ސަރުކާރުން ކުށްވެރިކޮށްފި


ހޮންގްކޮންގްގައި މުޒާހަރާކުރާ މީހުން ހިންގާ ހަރުކަށި އަދި ޣައިރު ގާނޫނީ ޢަމަލުތައް ހޮންގްކޮންގްސަރުކާރުން ކުށްވެރިކޮށްފިއެވެ.

ޗައިނާގެ ޚާއްސަ އިދާރީ ސަރަޙައްދެއްގެ ގޮތުގައި އޮންނަ ހޮންގްކޮންގްގެ ސަރުކާރުގެ ތަރުޖަމާނު ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ މުޒާހަރާކުރާ މީހުންގެ ޢަމަލުތަކުގެ ސަބަބުން ހޮންގްކޮންގްގެ އެތައްސަރަޙައްދެއްގެ މަގުތައް ބަންދުވެ ދުއްވާއެއްޗެހި ތޮއްޖެހި ޚިދުމަތްތަކަށާއި އާންމު ދިރިއުޅުމަށާއި އެއްގަމު ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެގެންދިޔަކަމަށެވެ. އަދި މުޒާހަރަކުރާ މީހުން ފުލުހުންނާ ކުރިމަތިލައި ނުކިޔަމަންތެރިކަން ދެއްކުމުގެ އިތުރުން ސަރުކާރުގެ އިމާރާތްތަކަށާއި ޤާނޫނުހަދާ މަޖިލީހުގެ އިމާރާތްތަކަށް ޕެޓްރޯލް ބޮމުން ޙަމަލާދިންކަމަށްވެސް ހޮންގްކޮންގެ ސަރުކާރުގެ ތަރުޖަމާނު ނެރުއްވި ބަޔާނުގައިވެއެވެ.

މީގެއިތުރުން މުޒަހަރާކުރާ މީހުން ބައެއް ސަރަޙައްދުތަކުގައިވާ އާންމުތަންތަނުގައާއި ރައްޔިތުންގެ މުދަލުގައި ހުޅުޖަހައި މެޓްރޯ ސްޓޭޝަންތަކަށްވެސް ގެއްލުންދީފައިވާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ހޮންގްގްކޮންގްގެ ސަރުކާރުންވަނީ މުޒާހަރާކުރާ މީހުން ހިންގާ ހަރުކަށި ޢަމަލުތަކާ ދުރަށްދިޔުމަށާއި އެމީހުންނަށް ހިތްވަރުލިބޭފަދަކަމެއް ނުކުރުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

ހޮންގްކޮންގްގައި މި އަހަރުގެ ކުރީކޮޅު މުޒާހަރާތައް ކުރަން ފެށީ އެ ރަށުގައި ޖިނާޢީ ކުށްކުރާ ފަރާތްތަކުގެ ޝަރީޢަތް ޗައިނާގައި ހިންގުމަށް ގޮވާލާ ބިލެއް ހޮންގްކޮންގްގެ ސަރުކާރުން ފާސްކުރުމަށް މަސައްކަތް ކުރުމުންނެވެ. އަދި ހަމަނުޖެހުމާއި ޙިޔާލު ތަފާތުވުން ބޮޑުވެ، ހޮންގްކޮންގްގެ ސަރުކާރުން މި ބިލް އަނބުރާ ގެންދިޔަ ނަމަވެސް މި މުޒާހަރާތައް މިހާރުވަނީ ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާތަކަކަށް ބަދަލުވެފައެވެ.