ސޫރިޔާގެ އިރުއުތުރުގެ ސަރަޙައްދުގައި އެމެރިކާއާ ތުރުކީވިލާތުން ގުޅިގެން އެކުލަވާލާ ޙަމަލާތައް ބަދަލުކުރުން މަނާ ސަރަޙައްދު ކޮންޓްރޯލްކުރުމާ ގުޅޭގޮތުން އެކަށީގެންވާ މަޝްވަރާތައް ނުކުރެވޭނަމަ ތުރުކީވިލާތުން އަމިއްލައަށް އެފަދަ ސަރަޙައްދެއް ޤާއިމުކުރާނެކަމަށް ތުރުކީވިލާތުގެ ރައީސް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.
ތުރުކީވިލާތާ ސޫރިޔާ ގުޅޭ ސަރަޙައްދީ ރޮނގުކައިރިން ސޫރިޔާގެ އިރުއުތުރުގެ ސަރަޙައްދުގައި އެމެރިކާއާ ތުރުކީވިލާތުން ގުޅިގެން ޤާއިމުކުރާ ޙަމަލާތައް ބަދަލުކުރުން މަނާ ސަރަޙައްދުގެ ކަންކަން ކޮންޓްރޯލްކުރާ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށް މިދިޔަ ހަފުތާގައި ތުރުކީވިލާތުންވަނީ ބުނެފައެވެ. ތުރުކީވިލާތުގެ އިސްތަންބުލްގައި ހުންނަވާ ވާހަކަދައްކަވަމުން އުރުދުޣާން ވިދާޅުވީ ޙަމަލާތައް ބަދަލުކުރުން މަނާ ކުރާ ސަރަޙައްދަކީ ފުރާތުކޯރުގެ އިރުމަތީ އައްސޭރިފަށުން ތުރުކީވިލާތާ ސޫރިޔާ ގުޅޭ ސަރަޙައްދީ ރޮނގު މުޅިން ޙިއްސާވާގޮތަށް ޤާއިމުކުރާ ސަރަޙައްދެއްކަމަށާ ޙަމަލާތައް ބަދަލުކުރުން މަނާ ސަރަޙައްދު ކަނޑައެޅުމުގައި މާ ގިނަ ދުވަހަށް މަޑުކޮށްގެން އޮތުމުގެ ވިސްނުމެއް ތުރުކީވިލާތުން ނުގެންގުޅޭކަމަށެވެ.
އަދި ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި އެ ސަރަޙައްދުގެ ކޮންޓްރޯލް ތުރުކީވިލާތުގެ ސިފައިންނާ ޙަވާލު ނުކޮށްފިނަމަ އެ ސަރަޙައްދުގައި ތުރުކީވިލާތުން އަމިއްލައަށް ޙަމަލާތައް ބަދަލުކުރުން މަނާ ސަރަޙައްދެއް ޤާއިމުކުރާނެކަމަށްވެސް އުރުދުޣާން ވިދާޅުވިއެވެ. އުރުދުޣާން ވިދާޅުވީ ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި މިފަދަ ސަރަޙައްދެއް ކަނޑައެޅުމުގެ މަސައްކަތްކުރުމަށް ތުރުކީވިލާތުގެ ސިފައިންނަށް އިރުޝާދުދެއްވާފައިވާނެކަމަށެވެ.