ރަޝިއާގައި ބޭއްވުމަށް ތައްޔާރުވަމުންދާ މަޖިލީސް އިންތިޚާބު ދެފުށް ފެންނަގޮތަށް މިނިވަންކަމާއެކު ބޭއްވުމަށް ގޮވާލައި އެ ޤައުމުގެ އެތައްހާސް ބަޔަކު ވެރިރަށް މޮސްކޯގައި މުޒާހަރާކޮށްފިއެވެ.
މުޒާހަރާކޮށްފައި މިވަނީ މީގެކުރިން ބޭއްވި މިފަދަ މުޒާހަރާތަކުގައި ބައިވެރިވި މީހުންގެ ތެރެއިން ބައެއްމީހުން ހައްޔަރުކޮށް އަދި ހުއްދައަކާ ނުލައި މުޒާހަރާކުރުން ރަޝިއާ ސަރުކާރުން މަނާކޮށްފައިވަނިކޮށެވެ. މަޖިލިސް އިންތިޚާބު ދެފުށް ފެންނަގޮތަށް ބޭއްވުމަށް ގޮވާލައި މުޒާހަރާކުރި މީހުން ބުނެފައިވަނީ އެމީހުންގެ ބޭނުމަކީ މިހާތަނަށް ބޭއްވި އިންތިޚާބުތަކުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން އަޑު އުފުލުންކަމަށެވެ. މިގޮތަށް މުޒާހަރާނުކޮށް އިންތިޚާބުގެ ކަންކަން ރަނގަޅުވާނެކަމުގެ އުންމީދު އެއްކޮށް ގެއްލިގެންދާނެކަމަށް މުޒާހަރާގައި ބައިވެރިވި ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.
ރަޝިއާގައި ބާއްވާ މަޖިލިސް އިންތިޚާބުތަކުގައި މަކަރާއި އޮޅުވާލުމުގެ ޢަމަލުތައް ގިނަކަމަށް ބުނެ މީގެކުރިންވެސް އެކި ފަހަރުމަތިން އެ ޤައުމުގައި މުޒާހަރާކޮށްފައިވެއެވެ.
މިހެންކުރާ ބައެއް މުޒާހަރާތައް ރޫޅާލާފައިވާއިރު މުޒާހަރާތައް ރޫޅާލަނީ މުޒާހަރާތަކުގައި ހަމަނުޖެހުން ހިންގައި އަމަން އަމާންކަން ނަގާލާހިސާބަށް ކަންތައްދިޔުމުންކަމަށް ރަޝިޔާ ސަރުކާރުން ބުނެއެވެ.
ނަމަވެސް އިދިކޮޅު ފަރާތްތަކުން މިކަމަށް އިންކާރުކުރެއެވެ.