ޚަބަރު

އަފްޣާން ސިފައިންނާއި ޠާލިބާނުންނާ ދެމެދު ޙަމަލާތައް ބަދަލުކޮށްފި


އަފްޣާނިސްތާނުގެ އެންމެ ބޮޑު ހަނގުރާމަވެރި ޖަމާޢަތްކަމަށްވާ ޠާލިބާން ޖަމާޤަތުން އެ ޤައުމުގެ އުތުރުގެ ސިޓީއެއްކަމަށްވާ ގުންދުޒްއަށް ޙަމަލާތަކެއް ދިނުމާގުޅިގެން އަފްޣާން ސިފައިންނާއި ޠާލިބާނުންނާ ދެމެދު ޙަމަލާތައް ބަދަލުކޮށްފިއެވެ.

އަފްޣާންގެ މަސްއޫލުވެރިން ވިދާޅުވި ގޮތުގައި ހަނގުރާމަ ހިނގީ ގުންދުޒްގައި މަރުކަޒުކޮށްފައިވާ އަފްޣާން ސަރުކާރުގެ ބާރުތަކަށް އަމާޒުކޮށް ތާލިބާނުން ދިން ޙަމަލާތަކަށް އަފްޣާން ސިފައިން ރައްދު ދިނުމުންނެވެ. ހޮނިހިރު ދުވަހުގެ ރޭ ފަތިހުން ފެށިގެން އެދުވަހުގެ މެންދުރު ފަހާޖެހެންދެން ދެފަރާތުން ވަރަށް ވަރުގަދައަށް ޙަމަލާތައް ބަދަލުކުރިކަމަށާ ނަމަވެސް މެންދުރުފަހު ޙަމަލާތައް ހުއްޓާފައިވާކަމަށް އަފްޣާން މަސްއޫލުވެރިންނާ ޙަވާލާދީ ރޮއިޓަރސްއިން ބުނެއެވެ.

ގުންދުޒްގެ ސިއްޙަތާބެހޭ މަސްއޫލުވެރިއެއްކަމަށްވާ އިޙްސާން ފަޟްލުﷲ ވިދާޅުވީ ޠާލިބާނުންނާއި އަފްޣާން ސިފައިން ބަދަލުކުރި ޙަމަލާތަކުގައި އާންމުންގެ 3 މީހުން މަރުވެ 41 މީހުން ޒަޚަމްވިކަމަށެވެ. ޒަޚަމްވި މީހުން ހޮސްޕިޓަލްތަކަށް ގެންގޮސް ފަރުވާދޭން ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ރިޕޯޓްތައް ބުނާގޮތުން ގުންދުޒްގެ މަގުތަކުން މީހުން ހުސްވެފައިވާއިރު އެ ސިޓީގެ ފިހާރަތަށްވަނީ ބަންދުކޮށްފައެވެ. ޙަމަލާތަކުގެ އަޑު އަދިވެސް ނުކެނޑޭކަމަށް އެ ސިޓީގެ އާންމުންނާ ޙަވާލާދީ ރިޕޯޓްތައް ބުނެއެވެ.