ޚަބަރު

މަހަރަޝްތްރާގެ ކެމިކަލް ކާރުޚާނާއެއްގައި ގޮވުމުގެ ސަބަބުން 13 މީހުން މަރުވެއްޖެ


އިންޑިއާގެ މަހަރަޝްތްރާގެ ކެމިކަލް ކާރުޚާނާއެއްގައި އެއްޗެހިތަކެއް ގޮވުމުގެ ސަބަބުން 13 މީހުން މަރުވެ، ފަންސާހަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.

އިންޑިއާގެ ހުޅަނގުގައި އޮންނަ ސްޓޭޓެއްކަމަށްވާ މަހަރަޝްތްރާގެ ފުލުހުން ބުނީ ފުރަތަމަ ގޮވުން ގޮވީ ހުކުރުދުވަހުގެރޭ ފަތިހު ހަތަރެއްޖެހިއިރުކަމަށާ އެއަށްފަހު އިތުރު ގޮވުންތަކެއް ގޮވާފައިވާކަމަށެވެ. ފުރަތަމަ ގޮވީ ދުއިސައްތަ ލިޓަރުގެ ދިޔާ ކެމިކަލްހުރި ފީފާއެއްގައިކަމަށާ ދެން ގޮވިގޮވުންތަކާއެކު ކަޅު ދުންތަކެއް އަރައި ކެމިކަލް ފެކްޓްރީގެ އެކިތަންތަނުގައި އަލިފާން ރޯވާންފެށިކަމަށް މަހަރަޝްތްރާގެ ފުލުހުންގެ އިނިސްޕެކްޓަރ ސަންޖޭ އަހިރް ވިދާޅުވިއެވެ.

މަހަރަޝްތްރާގެ ހޮސްޕިޓަލްތަކުގެ މަސްއޫލުވެރިން ވިދާޅުވީ ކެމިކަލް ފެކްޓްރީ ގޮވުމުގެ ހާދިޡާގައި ޒަޚަމްވި މީހުންގެ ތެރެއިން ބައެއް މީހުންގެ ޙާލު ވަރަށް ގޯސްކަމަށެވެ.

މިހާދިޡާ ތަޙުޤީގުކުރުމުގެ މަސައްކަތް މަހަރަޝްތްރާގެ ފުލުހުން މިހާރުވަނީ ފަށާފައެވެ.