ސޫރިޔާ ސިފައިން އިދްލިބްގައި ދެމުންދާ ޙަމަލާތައް ވަގުތީގޮތުން ހުއްޓާލައިފިކަމަށް ރަޝިޔާއިން ބުނެފިއެވެ.
ސޫރިޔާގައި ހުންނަ ރަޝިޔާގެ ރިކޮންސިލިއޭޝަން އޮފީހުން ބުނީ މި ޙަމަލާތައް ވަގުތީގޮތުން ހުއްޓާލީ ހޮނިހިރު ދުވަހުގެ ހެނދުނުކަމަށެވެ. އެހެންނަމަވެސް އިދިކޮޅު ޖަމާޢަތްތަކުގެ ހަނގުރާމަވެރިން ދެމުންދާ ޙަމަލާތަކަށް ހުއްޓުމެއްނާންނަކަމަށް ރަޝިޔާގެ ރިކޮންސިލިއޭޝަން އޮފީހުން ބުނެއެވެ.
ސޫރިޔާގެ ރަސްމީ ޓީވީންވަނީ ސޫރިޔާ ސިފައިން އިދްލިބްގައި ޙަމަލާތައް މި ވަގުތު ހުއްޓާފައިވާކަމަށް ބުނެފައެވެ. އެހެންނަމަވެސް ޙަމަލާތައް ހުއްޓާލީ ކިހާ މުއްދަތަކަށްކަމެއް ހާމަކޮށްފައެއްނުވެއެވެ. އިދްލިބްގައި ޙަމަލާތައް ހުއްޓާލީ ސޫރިޔާ ސިފައިންގެ އަމިއްލަ އިސްނެގުމުގެ މަތިންކަމަށާ އެއީ އިދިކޮޅު ހަނގުރާމަވެރިންނާއެކު ރާވައިގެންކުރި ކަމެއްނޫންކަމަށް ޚަބަރުތައް ބުނެއެވެ.
އިދްލިބްގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އިންސާނީ ކާރިޡާއެއް ކުރިމަތިވަމުންދާކަމުގެ އިންޒާރު އދއިން ވަނީ ދީފައެވެ. އެމެރިކާއިންވަނީ އިދްލިބްގައި ސޫރިޔާ ސިފައިންނާއި އިދިކޮޅު ހަނގުރާމަވެރިން ބަދަލުކުރަމުންދާ ޙަމަލާތައް ވަގުތުން ހުއްޓާލުމަށް ހުކުރުދުވަހު ގޮވާލާފައެވެ.
އިދްލިބްގެ ޙާލަތާ ގުޅޭގޮތުން އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ހުކުރުދުވަހުވަނީ އދއިން ސޫރިޔާއަށް ކަނޑައަޅާފައިވާ މަންދޫބު ގިރް ޕެޑާސަންއާ ބައްދަލުކުރައްވާފައެވެ. ސޫރިޔާ ސިފައިން އިދްލިބްއަށް ޙަމަލާދެނީ ހަނގުރާމަވެރިންނާއި ޓެރަރިސްޓުންގެ އަތްދަށުން އެސަރަޙައްދު މިނިވަންކުރުމަށް ފަށާފައިވާ އަސްކަރީ އޮޕަރޭޝަނެއްގެ ދަށުންކަމަށް ސޫރިޔާ ސަރުކާރުން ބުނެއެވެ.