ރޭސިންގް އެސޯސިއޭޝަނަށް ސަރުކާރުން އެއްބާރުލުން ނުދޭކަމަށްބުނެ ޔޫތް މިނިސްޓްރީއަށް އަމާޒުވެފައިވާ ފާޑުކިޔުންތަކަށް މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަޙްމަދު މަޙްލޫފު ޖަވާބުދެއްވައިފިއެވެ.
ޤައުމީ ރޭސިންގް ޓީމް ސްރީލަންކާގައި އޮންނަ މުބާރާތަކަށް ފުރާފައިވާއިރު، މި މުބާރާތަށް ދިޔުމަށް ޔޫތް މިނިސްޓްރީން އެހީތެރިކަމާއި އެއްބާރުލުން ލިބިފައިނުވާކަމަށް އެ އެސޯސިއޭޝަނުންވަނީ ބުނެފައެވެ. ޔޫތް މިނިސްޓަރ އަޙުމަދު މަޙްލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ރޭސިންގް ކުރިއެރުވުމާއި ގުޅޭގޮތުން އެ އެސޯސިއޭޝަންގެ އިސް ފަރާތްތަކާއެކު މިއަހަރުގެ ފެބްރުއަރީމަހު މަޝްވަރާކޮށްފައިވާނެކަމަށާއި ރައްޖޭގައި ރޭސިންގް ޓްރެކެއް އެޅުމާއިގުޅޭ މަޝްވަރާވެސް ކުރެވުނުކަމަށެވެ.
ހުޅުމާލޭގައި ރޭސް ކުރޭވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއިއެކު މަޝްވަރާކޮށް އެކަމުގެ މަޢުލޫމާތުވެސް ރޭސިންގް އެސޯސިއޭޝަނާއި ޙިއްސާކޮށްފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރައްޖޭގެ ރޭސިންގް ޓީމުންވަނީ މީގެ ކުރިންވެސް ބައިނަލްއަޤުވާމީ އެކި މުބާރާތްތަކުގައި ވާދަކޮށް ރަނގަޅު ކާމިޔާބީތަކެއް ހޯދާފައެވެ.